ލައިފް ސްޓައިލް

ހުޑީ: މޭކަޕާއި ހިޖާބު ފެޝަންގެ އެންމެ އުހުގައި، އެކެޑަމީއެއް ހުޅުވުމުގެ އުއްމީދުގައި

މަރިޔަމް ޝަފާ އިބްރާހިމް

4

މިއަދު ކޮންމެ ފާޑެއްގެ ޑިޒައިނެއްގެ ހެދުމެއްވިޔަސް ބުރުގާ ހެދުމަކަށް ބަދަލުކޮށްލުމަކީ ހަމަ އާދައިގެ ނުހަނު ފަސޭހަ ކަމެކެވެ. އަތްކުރު ހެދުންތަކާއެކު އަތުގެ ހާމައަށް އޮންނަ ބައި ނިވާ ކުރުމަކީ އިތުރު ފެހުމަކާ ނުލައި ފަސޭހަކަމާއެކު ކޮށްލެވޭ ކަމެކެވެ. ހިޖާބާ މެދު ކިތަންމެ ހިޔާލު ތަފާތުވުންތަކެއް އޮތަސް، ރީތި ގޮތާއި ފަސޭހަ ގޮތް ކޮންމެ މީހަކަށްވެސް ކަމުދެއެވެ.

ރާއްޖޭގައިވެސް މިއަދު ހިޖާބު ފެޝަންގެ ނަމުގައި ސޯޝަލް މީޑިއާއިން ފެށިގެން އާދައިގެ ހެދުން ފަހާ ތަނާ ހަމައަށް ހިޖާބުގެެ ވައްޓަފާޅި ވަނީ ދެމިގެންގޮސްފައެވެ. މިއަދު އެންމެ ފަހުގެ ފެޝަނަށް ބުރުގާ އެޅުމަށް ފޯނުގެ އެހީގައި އަމިއްލައަށް މަސައްކަތް ކުރެވެއެވެ. ރާއްޖޭގައި މިކަމަށް ހާއްސަކޮށް ފޭސްބުކް ބްލޮގުތަކާއި ޕޭޖުތައް އެބަހުއްޓެވެ. ނުހަނު ކާމިޔާބުކަމާއެކު ކުރިއަރައިގެންދާ ޒުވާނުން މި ދާއިރާގައި ގިނަކަން ފާހަގަކޮށްލެވެއެވެ.

ހިޖާބުގެ ފެޝަނާ ގުޅިގެން ރާއްޖޭގައި ކޯސްތައް ހިންގުމާއި އެ ކޯސްތަކުން ތައްޔާރުވެގެން ނުކުންނަ ޒުވާން ހިޖާބުފެޝަން ޑިޒައިނަރުން އަމިއްލަ ވިޔަފާރީގައި ނަފާ ހޯދުމަކީ ބޮޑު ކާމިޔާބަކާ ފަހުރެއްކަން ގައިމެވެ.

ރާއްޖޭގައިވެސް މިއަދު ޒަމާނަށް ފެތޭ އެންމެ ފަހުގެ ފެޝަނަށް ބުރުގާ އެޅުމަކީ އާންމުވެފައި ދިވެހިންގެ މެދުގައި އެހާމެ މަގުބޫލު ކަމެއްމެއެވެ. އަދި އެތައް ގޮންޖެހުންތަކަކާއެކުވެސް މިއީ ކާމިޔާބާއި ކުރިއެރުން އޮތް ކަމެއްކަން ދިވެހި އަންހެން ކުދީން ވަނީ ސާބިތުކޮށްދީފައެވެ.

ވިޔަފާރިއަކަށްވުރެ ބޮޑަށް ހޮބީއެއް!

މީގެ ހަ ވަރަކަށް އަހަރު ކުރީން ސްރީލަންކާއަށް ދިޔަ ދަތުރެއްގައި އަމިއްލަ ހިތްހަމަޖެހުމަކަށް ނުވަތަ ހޮބީއަކަށް ކުރާ ކަމަކުން އިތުރަށް ދަސްކުރުމަށް ހެދި "ޕްރޮފެޝަނަލް މޭކަޕް ކޯސް" ނިންމާލާފައި މާލެ އައިސް ހިޖާބު ފެޝަނުގެ އާ ދުނިޔެއެއް ރާއްޖެއަށް ތައާރަފުކޮށްދިން އާމިނަތު ހުދާ، އާންމު މަޝްހޫރު ނަމުންނަމަ ހުޑީ އަކީ ހިތްވަރުގަދަ ނަމޫނާ އަންހެނެކެވެ.

ތ. ތިމަރަފުއްޓަށް އުފަން އައިޝަތު ނާސިރާ އާއި އާދަމް އަހުމަދުފުޅުގެ ތިން ދަރީންގެ ތެރެއިން، އެ ދެމަފިރިންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު އަދި ދޮށީ ދަރިފުޅު އާމިނަތު ހުދާއަކީ މިއަދު ހިޖާބު ފެޝަނުގެ އުދަރެހުގައި ވިދައި ބަބުޅަމުން އަންނަ ތަރިއެކެވެެ.

"ހިޖާބާ މެދު މިހާރު މީހުން ދެކޭ ގޮތް ވަރަށް ބޮޑަށްވެސް ތަފާތު. ބުރުގާ ނޭޅުމަށްވުރެ ބުރުގާ އެޅުން މިހާރު ގިނަ އަންހެން ކުދިން ހިޔާރު ކުރަނީ. ކުރިން ބުރުގާ ނާޅާ ކުދިން، މޭކަޕް އެންޑް ހިޖާބު، ހިޖާބު ފެޝަންގެ ކޯސްތައް ހެދުމަށްފަހު ނޫނީ އަޅުގަނޑުގެ ހިދުމަތް ލިބުމަށްފަހު ވަަރަށް ގިނަ ކުދިން އެބަހުރި ހަމަ ބުރުގާ އަޅާ ހިތުން ޑްރެސްކޯޑް ހިޖާބަށް ބަދަލުކޮށްފައި. މިއީ ވަރަށް ގިނައިން ދިމާވެފަ ހުރި ކަމެއް،"

ހުދާ ވަނީ ބިޒްނަސް މެނޭޖްމަންޓު ވިތު އަ ސްޕެޝަލިޒަމް އިން އީ ބިޒްނަސް އިން ބީއޭ ފާސް ފަހުރުވެރި އޭ ޑިގްރީއަކުން ހާސިލުކޮށްފައެވެ. އަދި ސްރީލަންކާގެ ޕްރޮފެޝަނަލް މޭކަޕް އެކެޑަމީ އިން ޕެރޮފެޝަނަލް މޭކަޕް އާޓިސްޓްރީ ކޯސް ފުރިހަމަކުރުމަށްފަހު މި ދާއިރާގައި މަސައްކަތްކުރަން ފެށި ގޮތާއި މިފަދަ ދާއިރާއަކުން ކޯސް ހިންގުމަށް ގަސްތުކުރި ސަބަބު "ވަން" އަށް ހުޑީ ކިޔައިދިނެވެ.

"2016ގައި ކޯސް ހެދުމަށްފަހު މާލެ އައިސް މަސައްކަތް ފެށީ. ކޯހަށް ހަރަދުވީ ގާތްގަނޑަކަށް 5،000 ރުފިޔާ. ދެން ގަތް މޭކަޕް ސާމާނާއެކު މަސައްކަތް ފެށުމަށް ހަރަދުވީ 15،000 އެއްހާ ރުފިޔާ. އެއީ ފުރަތަމަ މިކަން ފެށުމަށް ހޭދަވީ ވަރު. އެއްމަހުގެ ކޯހަކަށްފަހު މާލެ އާދެވުމާއެކު މަސައްކަތް ފަށައިފިން. އާދައިގެ ޕާޓީތަކުން ފެށިގެން ކައިވެނި ޕާޓީތަކަށްވެސް މޭކަޕް އެންޑް ހިޖާބުގެ ހިދުމަތްދެން. އަތޮޅުތެރޭގެ ތަފާތު ރަށްރަށަށް ގޮސް މި މަސައްކަތް ކުރަން. މިއީ ޑިޖިޓަލް ހޮބީ ބިޒިނަސްއެއް،" އޭނާ ބުންޏެވެ.

މި ދާއިރާއަށް ހުޑީގެ ޝައުގުވެރިކަން އުފެދުނީ ވެސް ހޮބީއެއްގެ ގޮތަށެވެ. އެގޮތަށް މިހާރު ވެސް ވިޔަފާރިއަކަށް ވުރެ ބޮޑަށް މިކަމަކީ އޭނާއަށް ހޮބީއެކެވެ.

ދާއިރާ ފުޅާކުރުމަށް ރަށްރަށުގައި ވެސް އަމިއްލަ މަސައްކަތްތަކެއް!

ހުދާގެ އެ ހުރިހާ މަސައްކަތެއް ވެސް ކުރަނީ އެކަންޏެވެ. ރަށްރަށުން އަންނަ ރިކުއެސްޓުތަކަށް ވެސް ހުރިހާ ތައްޔާރީތަކެއް ވެގެން ދަތުރުކޮށް, ހުރިހާ ކަމެއްހެން ކުރަނީ އަމިއްލައަށެވެ. އެ މަސައްކަތް ފެށިތާ ހަތަރު މަހަށްފަހު ހުދާ ބޭނުންވީ މި ދާއިރާއިން ކުރިއަށްދާން ބޭނުންވެފައި ރަށްރަށުގައި ތިބި މީހުންނަށް އެ ހުނަރުތައް ދަސްކޮށްދިނުމަށެވެ.

"މޭކަޕް އާޓިސްޓުންވެސް ކޯސްތައް ހިންގަނީ މާލެއަށް ހާއްސަކޮށް. މާލޭގައި ތިބޭ ކުދިންނަށް ފުރުސަތު އޮތަސް އަތޮޅުތެރޭގެ ރަށްރަށުގައި، ކިޔެވުން ނިންމާލާފައި ކަމެއް ނުކޮށް ތިބޭ ކުދިން ވަރަށް ގިނަ. އެހެންވެ ހިތަށް އެރީ މިކަމަށް ޝައުގުވެރިކަން ހުއްޓަސް ފުރުސަތެއް ނުލިބިފަ ތިބި ކުދިންނަށް އެހީވާނީއޭ. ދެން ރައްޓެހިން މެދުވެރިކޮށްގެންނާއި، ކައުންސިލާ ގުޅިގެން އަދިި ވިމެންސް ޑިވެލޮޕްމަންޓް ކޮމެޓީތަކާ ގުޅިގެން ކޯސްތައް ހިންގަން ފެށީ. މިގޮތުން ހިންގި ކޯސްތަކުން ވަރަށް ގިނަ ކުދިން މި ދާއިރާގައި މަސައްކަތްވެސް ކުރަން ފަށައިފި," ހުދާގެ ކާމިޔާބު މަސައްކަތާ ގުޅޭގޮތުން ބުންޏެވެ.

ހުޑީއަކީ ގޮންޖެހުންތަކާއި ހުރަސްތަކަކާއެކުވެސް ކާމިޔާބުގެ ހަރުފަތްތައް ގިރާކުރެވިދާނެކަން އަންގައިދޭ ރަނގަޅު ނަމޫނާ މިސާލެކެވެ. ހުދާ މިވަނީ މަންމައާއި ބައްޕަގެ އެހީތެރިކަމާއި ދެ ފިރިހެން ކޮއްކޮގެ އެއްބާރުލުމާއެކު ނުހަނު ކާމިޔާބު އަންހެނަކަށް ވެފައެވެ. އާމްދަނީ ހޯދުމަށް މިއީ ހަމަ ވަރަށްވެސް ރަނގަޅު ނަފާ ލިބޭ މަސައްކަތެއް ކަމަށް ހުދާ ގަބޫލުކުރެއެވެ. އަދި މުވައްޒަފުންތަކެއް ނެތަސް އެކަނި މިފަދަ ކަމެއް ކުރުމަކީ ކަމަށް ހުރި ލޯތްބާއި ޝައުގުގެ ބޮޑުކަން ހާމަވާ ކަމެކެވެ.

ފޭސްބުކްގައި "ހުޑީސް މޭކަޕް އެންޑް ހިޖާބު" ގެ ނަމުގައި ޕޭޖެއް ހިންގާ ހުދާ، އެންމެ ބޮޑު ކާމިޔާބެއް ކަމަށް ދެކެނީ 15 އަށްވުރެ ގިނަ ރަށުގައި ކޯސް ހިންގައި، އެ ކޯސްތަކުން ނުކުތް ދިވެހި އަންހެނުން މި ދާއިރާގައި އަމިއްލަ ވިޔަފާރި ފަށާފައިވުމެވެ. ހުދާގެ އުންމީދަކީ ރާއްޖޭގައި "ހިޖާބު ލައިން" އެއް ލޯންޗުކުރުމާއި މޭކަޕް އެންޑް ހިޖާބުގެ އެކެޑެމީއެއް ހުޅުވުމެވެ. ބުރުގާ އެޅުމުގައި ޒީނަތްތެރި ތަފާތު އަމިއްލަވަންތަ ކުލައެއް ޖެއްސުމުގައި ނުހަނު ކާމިޔާބު ހުދާ އޭނާގެ ކުރިއެރުމުގައި އެންމެ ބޮޑަށް ފާހަގަކުރަނީ ލޯބިވާ މަންމައާއި ބައްޕަގެ އެހީތެރިކަމާއި އެއްބާރުލުމެވެ.

"ތިމާ ލޯބިވާ މަސައްކަތެއް ކޮށްގެން ރަނގަޅު ނަފާ ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއް އަދި ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އުންމީދަކީ ރާއްޖޭގެ އެކި ރަށްރަށުގައި މި މަސައްކަތް ކުރަން ބޭނުންވެފައި ތިބޭ ކުދިންނަށް ދަސްކޮށްދީ އެކުދިންނަށް ވެސް ރަނގަޅު އާމްދަނީއެއް ލިބުން،"

ހުޑީގެ ހިޔާލަށާއި މަސައްކަތަށް ސާބަހެވެ. ދިވެހި އަންހެން ދަރީންނަކީ ހިތްވަރުގަދަ ކެރޭ ބައެއްކަމުގެ ހެއްކަކަށް ހުޑީ ފުދެއެވެ. "ވަން" އިން އެދެނީ ހުޑީ އަށް އިތުރު ކާމިޔާބާއި ކުރިއެރުމެވެ.