ޚަބަރު

ނިއުޕޯޓު ހުރި ބިން 25 ދުވަހުގެ ތެރޭގައި ހުސްކުރަން އަންގައިފި

އަލީ ޔާމިން

ބުރިޖު ވިއު ޕްލެޓުފޯމާއި އެތަނުގައި ހުރި ނިއުޕޯޓް ވިއު ރެސްޓޯރެންޓު ހުންނަ ސަރަހައްދު ހުސްކޮށް ސަރުކާރާ ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީން އަންގައިފިއެވެ.

ރެސްޓޯރެންޓަކާއެކު، އެތަން ހިންގަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހަވާލު ކުރީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއެވެ. ނަމަވެސް އެކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން 2019 ވަނަ އަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހު ޕްލޭނިން މިނިސްޓްރީން ވަނީ ބާތިލުކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީގެ ޕާމެނެންޓް ސެކްރެޓަރީ، ޒީނިޔާ އަހުމަދު ހަމީދު ސޮއިކުރައްވައި ސްޓްރާޑާގެ މެނޭޖިން ޑިރެކްޓަރު މަލަކާ އަބްދުއްރަހީމަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، މިއަދުން ފެށިގެން 25 ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމަށްފަހު މިނިސްޓްރީއާ ހަވާލުކުރަން ވާނެ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި އެތަން ހުސްނުކޮށްފިނަމަ މިނިސްޓްރީން އެތަން ހުސްކުރާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ.

ކުރީ ސަރުކާރުގައި ހެދި ސިނަމާލޭގެ ބުރިޖުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އާންމުންނަށް ދެއްކުމަށް ފްލެޓުފޯމަކާއެކު، ކާ އެއްޗެހި ވިއްކާ ތަނެއް ހަދައި، ސްޓްރާޑާ ކުންފުންޏާ އޭރުގެ ޕްލޭނިން މިނިސްޓްރީން ތިން އަހަރުގެ މުއްދަތަށް ސެޕްޓެމްބަރު 22، 2016 ގައި ސޮއިކުރިއެވެ. އެ އެއްބަސްވުމުގައިވާ ގޮތުން ސްޓްރާޑާ ކުންފުނިން ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކައި އޮވެއްޖެ ނަމަ، އެއްބަސްވުން ބާތިލު ކުރުމުގެ އިހުތިޔާރު ދައުލަތަށް އޮވެއެވެ.

ސްޓްރާޑާ ކުންފުނިން ބިމުގެ ކުއްޔާއި ޖޫރިމާނާ ނުދެއްކުމުގެ ސަބަބުން އެ ފައިސާ ހޯދަން ދައުލަތުން ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.

ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ހުކުމް ކުރީ ނިއުޕޯޓު ހިންގާ ބިން 15 ދުވަހުގެ ތެރޭގައި ދައުލަތަށް ހަވާލުކުރުމަށާއި، އަދި ކުއްޔާއީ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. އެ ހުކުމުގައިވާ ގޮތުން އެއްބަސްވުމުގެ ދަށުން ދައްކަން ޖެހި ނުދައްކައިވާ ފައިސާ އާއި ބަދަލާއެކު ޖުމުލަ 1،149،271 (1.1 މިލިއަން) ރުފިޔާ ސްޓްރާޑާ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ކަމަށެވެ.

ސިވިލް ކޯޓުގެ އެ ހުކުމް ސްޓްރާޑާ ކުންފުނިން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެ މައްސަލަ ބެލުމަށްފަހު ހައި ކޯޓުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު ކުރި ހުކުމުގައި ބުނީ، އެއްބަސްވުން ބާތިލުކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުމާއި އެ ނިންމުން ބިނާކުރި ސަބަބުތައް ސައްހަ ނޫން ކަމަށް ބަލަން ޖެހޭ ސަބަބެއް ސްޓްރާޑާ ކުންފުނީގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުގެ ހުކުމަށް ބަދަލެއް ގެންނަން ޖެހޭ ތަނެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ.