ލައިފް ސްޓައިލް

ރާއްޖޭގައިވެސް ބްރައިޑްސްމެއިޑުންނާއި ގްރޫމްސްމަނުންގެ ނެށުންތައް، ކައިވެނި ޕާޓީތަކުގެ އެންމެ ސަޅި ފަޅި

ރިފާ ހަލީލު

6

ކުރީން ނަމަ މާލަންތަކާއި ބޮޑެތި ދަރުބާރުތަކުގައި ބާއްވާ ކައިވެނި ހަފުލާތަކަކީ ޝާހީ ހަފުލާތަކެވެ. ބޮޑެތި ޕާޓީތަކެވެ. ބެކްޑްރޮޕުގައި ތަފާތު ގޮތްގޮތަށް ފޮތި ދަމާފައި ހުރުމަކީ އޭރު އަދި މާސަޅި ޓްރެންޑެކެވެ. ޕާޓީތައް ރޭގަނޑު ބޭއްވުމާއި ބޮޑެތި ކޭންތައް ނުހަދާނަމަ އެއީ ކައިވެނި ޕާޓީއަކަށްވެސް ނުވެއެވެ. ނަމަވެސް ޒަމާން ބަދަލުވެއްޖެއެވެ. މިހާރު ތަފާތު ތީމުތަކަށް ބާއްވާ ޕާޓީތައް ގިނަވެއްޖެއެވެ. ބެކްޑްރޮޕާ އެކު ހަފުލާ ބާއްވާ މާލަން ޒީނަތް ނުކުރެވޭނަމަ ކަމަކު ނުދެއެވެ. ހަވީރާއި މެންދުރުވެސް ޕާޓީތައް ބާއްވާ އިރު, ހެދިކާ ޕާޓީއަކުންވެސް އެކަން ނިންމާލައެވެ.

މީގެ ކުރިން ރަން ކިޔުމުގެ ހަފުލާއެއް ނޯވެ އެވެ. އެކަމަކު ބޭރުގެ ކައިވެނީގެ ހަފުލާތައް ކުރިއަށް ގެންދާ ގޮތްތައް ރާއްޖެއަށްވެސް މަޝްހޫރުވީ އެވެ. ހާއްސަކޮށް އިންޑިއާ ޕާކިސްތާނުގެ ކައިވެނި ހަފުލާތަކެވެ. އެމީހުން ހީނާ ސެރެމަނީއަކާއި ސަންގީތު ސެރެމަނީ އަކާއި ހަލްދީ ސެރެމަނީއަކާއި އެންގޭޖުމަންޓު ސެރެމަނީތަކާއި މިނޫންވެސް އެތައް ހަފުލާއެއް އެކި ތީމް ތަކަށް ތަފާތު އެކި ދުވަސްމަތިން ވަކި ވަކިން ބާއްވަ އެވެ. އެގޮތް ކޮޕީކޮށް ދިވެހިންވެސް ރަން ކިޔުމަށް ބޮޑެތި ހަފުލާތައް މިހާރު ބާއްވަ އެވެ.

އާންމުކޮށް ކްރިސްޓިއަން އަންހެނުން ކައިވެނި ކުރާ ދުވަހު އެމީހުންގެ ބައްޕައާއެކު އައިސްލްސްގައި ހިނގާލާފައި އަންނަ ގޮތް މިހާރު ރާއްޖޭގައިވެސް ކައިވެނި ކުރާ ގިނަ އަންހެންކުދިން ކޮޕީ ކުރެއެވެ. އެގޮތުން ރަތް ދޫލައެއްގެ މަތީގައި ބައްޕައާއެކު އަތުގައި ހިފައިގެން ނުވަތަ އެކަނި އަންނަތަން ފެންނަނީވެސް މަދެއްކޮށެއް ނޫނެވެ. ބަދަލުވަމުން އައި މި ޓްރެންޑުތަކަށް މިހާރު އަދި އާކަމެއް ތައާރަފުވެއްޖެއެވެ. ކައިވެނި ކުރާ ދެމީހުންގެ ރައްޓެހިންގެ ފަރާތުން ދޭ ސަޕްރައިޒް ނެށުންތަކެވެ.

މި ނެށުމާ ނުލައި މިހާރު ކައިވެނި ހަފުލާއެއް ފުރިހަމައެއް ނުވާނެއެވެ. ކައިވެނިކުރާ އަންހެން މީހާގެ ފަރާތުން އަންނަ ބްރައިޑްސް މެއިޑުންނާއި ކައިވެނި ކުރާ ފިރިހެން މީހާގެ ފަރާތުން އަންނަ ގުރޫމްސްމަނުންގެ ފަރި ނެށުންތަކެވެ.

ސޯޝަލް މީޑިއާގައި މީގެ އަހަރެއްހައި ދުވަސް ކުރިން ވައިރަލް ވެގެންދިޔައީ އެކުގައި ދިރިއުޅުނު ރައްޓެއްސެއްގެ ކައިވެނީގެ ހަފުލާގައި އޭނާއާއެކު އެގޭގައި ދިރިއުޅުނު އެހެން ފިރިހެން ކުދީންތަކެއް ލަވަސެޓަކަށް ނަށާލާ ވީޑިއޯއަކުންނެވެ. މިއީ އެމީހުން ކައިވެނި ކުރި ފިރިހެން ކުއްޖާއަށް ދިން ބޮޑު ސަޕްރައިޒެކެވެ.

އެ ގުރޫޕުގައި ހިމެނޭ ކުދިން ބުނެފައިވަނީ އެ ކުދިންނަކީ އެކި ރަށްރަށުން މާލެ އައިސް މާލޭގައި ކުއްޔަށް އުޅުނު ބައެއް ކަމަށެވެ. އަދި އެ އެންމެން އުޅުނީ އެއް ގެއެއްގައި ކަމަށާއި އެ މީހުންގެ ތެރެއިން އެކަކު މީހަކާ އިންނަން ޕްލޭން ކުރި ހިސާބުން އެމީހުންވެސް އޭނާއަށް ސަޕްރައިޒެއް ދޭން ވިސްނީ ކަމަށެވެ. އެގޮތުން ކުރި މަސައްކަތާއި ބެލި އެކި ވީޑިއޯތަކުން ފިރިހެން ކުދީންނާއި އަންހެން ކުދިން ނަށާތަން ފެނުމުން ނަށަން ޕްރެކްޓިސް ކުރީ ކަމަށެވެ.

"ގާތްގަނޑަކަށް 15 ވަރަކަށް ދުވަހު މިގޮތަށް ޕްރެކްޓިސް ކުރީ. އަޅުގަނޑުމެން ޑާންސް ޕްރެކްޓިސް ކުރީ ކައިވެނި ކުރަން އުޅޭ ފިރިހެން ކުއްޖާ ބޭރުގައި އުޅޭ ވަގުތު. ދެން އެންމެ ޕާފެކްޓު ނުވިޔަސް މި ސަޕްރައިޒް އޭނާއަށް ވަރަށް ކަމުދާނެ ކަމަށް އަޅުގަނޑުމެންނަށް އުއްމީދު ކުރެވުނީ. ހަމަ އެގޮތަށްވީ. ހަފުލާއަށް ދިޔަ އެންމެންވެސް ވަރަށް އެންޖޯއީ ކުރި. އެންމެނަށްވެސް ލިބުނު ބޮޑު ސަޕްރައިޒެއް މިއީ. އަޅުގަނޑުމެންނަށް އަސްލު އައިޑިއާ މިއައީ ބޭރުގެ ވެޑިން ހަފުލާތައް ބަލައިގެން." މިވީޑިއޯއާއެކު އާންމު ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.

އެންމެ ފަހުން ވައިރަލްވި އެއް ވީޑިއޯ--

އޭގެ ފަހުން މިހާރުވެސް ކައިވެނީގެ ހަފުލާތަކުގައި ނަށާ ވީޑިއޯތައް ފެނެ އެވެ. މިފަހުން ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަނީ މޮޅެތި ޑާންސް ގުރޫޕުތަކަށް ވެސް ދޫކޮށްނުލާވަރުގެ ފިރިހެން ޑާންސް ގުރޫޕެކެވެ. މިއީ ކައިވެނި ކުރާ ފިރިހެން މީހާގެ ފަރާތުން ގްރޫމްސްމަނުންނަށް ދިޔަ ފިރިހެން ގުރޫޕެއްގެ ނެށުމެވެ. ނެށުމުގެ ވަކި ހިސާބަކުން ކައިވެނި ކުރާ ފިރިހެން މީހާ ނުވަތަ ގްރޫމްސްވެސް މި މީހުންނާ ގުޅިގެން ނަށާތަން ފެނެ އެވެ. މި ވީޑިއޯ އެތައް ހާސް ބަޔަކު ބަލައި ޝެއާކޮށްފައިވާއިރު އޭގެ އެހެން ވީޑިއޯއެއްވެސް މިހާރު ވަނީ ވައިރަލް ވެފަ އެވެ.

އެންމެ ފަހުން ރެއިން ފެށިގެން މުޅި ފޭސްބުކުގައި ގިނަ ބަޔަކު ޝެއާކޮށްފައިވާ މި ވީޑިއޯއިން ފުރަތަމަ ފެންނަނީ ބްރައިޑްސްމެއިޑުން ނަށާތަނެވެ. ދެން އޭގެ ފަހުން ގްރޫމްސްމަނުން ބައިވެރިވާތަން ފެނެ އެވެ. ވީޑިއޯ ނިމޭއިރު ކައިވެނި ކުރާ އަންހެންކުއްޖާ އާއި ފިރިހެން ކުއްޖާވެސް މި ނެށުމުގައި ބައިވެރިވެ އެވެ.

މި ވީޑިއޯތައް ޝެއާ ކުރާ ބައެއް މީހުން ބުނެފައިވަނީ މިފަދަ ގުރޫޕެއް ނެތިގެން ކައިވެނި ނުކުރެވިފައިވާ ކަމަށެވެ. އަނެއް ބަޔަކު ބުނަމުން ދިޔައީ މި ގުރޫޕުތަކުން އަގެއް ކިޔައިގެން ނަމަވެސް ކައިވެނީގެ ހަފުލާތަކަށް ނަށައިދޭން ވެއްޖެ ކަމަށެވެ.

ކޮންމެޔަކަސް ކައިވެނީގެ ހަފުލާތައް ފަޅުފިލުވައިދޭ މި ނެށުންތައް މިހާރު ވަނީ ޓްރެންޑަކަށް ވެ، ވައިގައި ހިފާފަ އެވެ.