ރާއްޖޭގައި އަލަށް ފަށާ ސެޓެލައިޓު މަފްހޫމްގެ ދަށުން ކިޔަވައިދިނުމަށް ސަރުކާރުން ބ. ފެހެންދޫ އަދި ވ. ތިނަދޫގައި ގާއިމުކުރި ދެ ސްކޫލު ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފިއެވެ.
އޮންލައިންކޮށް ކިޔަވައިދޭ ސެޓެލައިޓް ސްކޫލްތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބޭއްވީ ވެސް އޮންލައިންކޮށެވެ.
ހުރަވީ ސްކޫލުގައި ގާއިމުކޮށްފައިވާ ސެޓެލައިޓް ހަބް ގައި ހުންނަވައިގެން، ދެ ސްކޫލް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. ރައީސުލް ޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރ ޑރ. މުސްތަފާ ލުތުފީ އާއި ދައުލަތުގެ ބައެއް ވަޒީރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ފެހެންދޫ ސެޓެލައިޓް ސްކޫލުގައި ހުންނަވައިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ސެޓެލައިޓް ސްކޫލްތައް ހުޅުވައިދެއްވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ދޫކޮށްލިވެފައި އޮތް ޖަޒީރާ ރަށްތަކުގެ ދަރިވަރުންނަށް މި ޕްރޮގްރާމްގެ ސަބަބުން ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށާއި ސަރުކާރުން ތައުލީމީ ނިޒާމު ހަރުދަނާކޮށް ފުޅާ ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުގެ ތިން އަހަރު ތެރޭގައި ތައުލީމީ ދާއިރާ ކުރިއެރެވަށް 40 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް ގެންގޮސް ނިމިފައިވާ ކަމަށާއި މިހާރުވެސް 50 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ސެޓަލައިޓް ސްކޫލުތަކުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް ރާއްޖޭގެ އެހެން ސްކޫލުތަކަށް ވުރެ ރަނގަޅު ވަސީލަތްތައް ގާއިމު ކުރެވިފައިވާނެ ކަމަށާއި އިންޓަނެޓް ސްޕީޑްވެސް މި ސްކޫލުތަކުގައި އިތުރުވާނެ ކަމަށެވެ. އަދި ރާއްޖޭގެ އެހެން ސްކޫލުތަކުގެ ދަރިވަރުންނާ އެއް ފެންވަރަކަށް ސެޓެލައިޓް ސްކޫލުތަކުގެ ދަރިވަރުންނަށްވެސް ތައުލީމު އުނގެނެވޭނެ ކަމަށާއި އެކަމުގެ ސަބަބުން ތައުލީމު އުނގެނެން އެރަށްރަށުން ބޭރަށް ގޮސް ތިބި ދަރިވަރުންނާއި ބެލެނިވެރިން ރަށަށް އެނބުރި އައިސް އާބާދީ އިތުުރުވެ ސްކޫލްތައް ބޮޑުވެގެން ދިއުން އެއީ އުއްމީދު ކުރައްވާ ކަމެއް ކަމުގައި ވެސް ޑރ. އާއިޝަތު އަލީ ވިދާޅުވިއެވެ.
ސެޓެލައިޓް ސްކޫލުތައް މިއަދު ރަސްމީކޮށް އިފްތިތާހު ކުރި ނަމަވެސް ބ. ފެހެންދޫއާއި ވ. ތިނަދޫ ސްކޫލުގައި ކިޔަވައިދިނުން އިއްޔެ ވަނީ ފަށާފައެވެ. ނަމަވެސް ވ. ރަކީދޫގައި އިމާރާތްކުރާ ސްކޫލް އިމާރާތުގެ މަސައްކަތް ނުނިމޭތީ އެރަށު ސްކޫލުގައި ކިޔެވުން އަދި ނުފަށައެވެ.
ސެޓެލައިޓް ސްކޫލްތައް ގުޅާލައިފައިވާ ހަބަކީ ހުޅުމާލެ ހުރަވީ ސްކޫލެވެ. މި ސްކޫލުތަކަށް ކިޔަވައިދެއްވާނީ ހުރަވީ ސްކޫލުގައި ގާއިމުކުރެވިފައިވާ ސެޓެލައިޓް ހަބްގައި ތިއްބަވާ މުދައްރިސުންނެވެ.
ސެޓެލައިޓް ޕްރޮގްރާމަކީ އާބާދީ މަދުވެ، ސުކޫލުގައި ކިޔަވާ އުމުރުގެ ކުދިން މަދުވެ ސުކޫލު ނެތް ރަށްރަށުގެ ދަރިވަރުން ކަނޑު ހުރަސްކޮށް އެހެން ރަށްތަކަށް ސްކޫލަށް ދާން ޖެހޭ ދިއުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ފެށި ޕްރޮގްރާމެކެވެ.