ޚަބަރު

މުރައިދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު އިފްތިތާހުކޮށްފިއެވެ.

މި މަޝްރޫއު އިފްތިތާހު ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުالله އެވެ. މުރައިދޫގައި ބޭއްވި އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލު ކޮށްފައިވަނީ 33.72 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫއުގެ ދަށުން 212 މީޓަރު އެއްގަމުތޮށި ލުމާއި، 407 މީޓަރު ބޭރުތޮށި ލުމާއި، 107 މީޓަރު ބޭރުތޮށި މަރާމާތުކުރުމާއި، 105 މީޓަރު ރިވެޓްމެންޓް ޖެހުމާއި، 50މީޓަރުގެ ގްރޮއިންސް ޖެހުމާއި، ބަނދަރު އަދި ނެރު ފުންކުރުމުގެ އިތުރުން ރޭމްޕް އާއި ވޯކްވޭ ބްރިޖް ހެދުމާއި ނޭވިގޭޝަން އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.