ގދ. ގައްދޫން ގިނަ ބަޔަކު ޕޮޒިޓިވް ވެ އެރަށް މޮނިޓަރިން އަށް ލައިފި އެވެ.

ގައްދޫ ކައުންސިލް މެންބަރު އަލީ އަބްދުﷲ "ވަން" އަށް މިއަދު ވިދާޅުވީ އެރަށަށް މާލެއިން ދިޔަ މީހުންނާއި ރަށުތެރެއިންވެސް ބަޔަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މިހާތަނަށް ލިބުނު ނަތީޖާ އިން 27 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މޮނިޓަރިން އަށް ގައްދޫ މިއަދު ލާފައިވާއިރު މިއަދަކީ ދެވަނަ ޓާމުގެ ކިޔެވުންވެސް ފެށުނު ދުވަހެވެ.

އަލީ ވިދާޅުވީ ރަށް މޮނިޓަރިން އަށް ލީއިރު ދަރިވަރުން ތިބީ ސްކޫލަށް ގޮސް ކަމަށެވެ. އެހެން ކަމުން މާދަމާއިން ފެށިގެން ސްކޫލްތަކުގެ ހާލަތު ބަދަލުވާނެ ކަމަށެވެ.

"މިއަދު ކުދީންތައް މިތިބީ ސްކޫލަށް ގޮސް. ގޮސް ތިއްބާ މޮނިޓަރިންއަށް މިލީ. ދެން އެކަމަކު ހާލަތު ބަދަލުވާނެއެއްނު. ސްކޫލްވެސް ބަންދުވާނެ. އިއްޔެވެސް ރެންޑަމްކޮށް ނެގި ސާމްޕަލެއް ޕޮޒިޓިވް ވި. އެހެންވީމަ ރައްކާތެރި ކަމުގެ ފިޔަވަޅު ވަރުގަދަ ކުރަން ޖެހޭ." އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު މިހާރު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު ދުވަލެއްގެ މައްޗަށް 1000 އާ ގާތްކުރާ އަދަދަކަށް މީހުން ދަނީ ޕޮޒިޓިވް ވަމުންނެވެ. ރަށްރަށަށް ދަތުރު ކުރުމުގައި ފިޔަވަޅުތައް މިހާރު ވަނީ ވަރުގަދަ ކޮށްފަ އެވެ.

އެގޮތުން ރަށްރަށަށް ދަތުރުކުރާއިރު ޕީސީއާރް ނެގެޓިވް ޓެސްޓު ނަތީޖާ ހިފައިގެން ނޫނީ ދަތުރު ނުކުރުމަށް ވަނީ އަންގާފަ އެވެ. ނަމަވެސް ގިނަ ކައުންސިލްތަކުން މާލެއިން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުގެ ނަތީޖާ ނެގެޓިވްތޯ ބަލައިނުލައި ރަށްރަށަށް އަރުވަމުންދާ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.

މިއަދުގެ މިހާތަނަށް ރާއްޖޭގެ 13 ރަށެއް ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފަ އެވެ.