ލައިފް ސްޓައިލް

10 ބިލިއަން ވިއުސްއާއެކު "ބޭބީ ޝާކް" އާ ރެކޯޑެއް މުގުރާލައިފި

ކުޑަކުދީންގެ މެދުގައި މަޝްހޫރުވި ޕިންގްފޮންގެ ''ބޭބީ ޝާކް'' މިޔުޒިކް ވީޑިއޯ އާ ރެކޯޑެއް މުގުރާލައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޔޫޓިއުބްގެ ތާރީހުގައިވެސް އެންމެ ގިނަ ބަޔަކު ބެލި ވީޑިއޯގެ ގޮތުގައި ''ބޭބީ ޝާކް'' ވަނީ ވެގެން ގޮސްފައެވެ.

ކުޑަކުދީންނަށް ހާއްސަކޮށްގެން 2016 ވަނަ އަހަރުގެ ޖޫންމަހު ރިލީސްކުރި ކޮރެއާގެ ޕިންގްފޮންގް ބޭންޑުގެ އުފެއްދުން ''ބޭބީ ޝާކް'' މިޔުޒިކް ވީޑިއޯ ލަވަ މިހާތަނަށް 10 ބިލިއަނަށް ވުރެ ގިނަ މީހުން ބެލިކަމަށް ވަނީ ރެކޯޑުކުރެވިފައެވެ. 10 ބިލިއަން ވިއުސް ލިބުނުކަން ހާމަކޮށްފައިވަނީ 13 ޖެނުއަރީ 2022 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 7.00 އާއި ހަމައަށް 10،002،749،119 ވިއުސް ލިބުމާ ގުޅިގެންނެވެ. މިހާތަނަށް މި ރެކޯޑާ އެންމެ ގާތަށް އައިސްފައިވަނީ ލުއިސް ފޮންސީ އަދި ޑެޑީ ޔެންކީސްގެ ''ޑެސްޕަސީޓޯ'' ލަވައެވެ. މީގެކުރިން ޔޫޓިއުބްގައި އެންމެ ގިނަ ބަޔަކު ބެލިކަމަށް 7.7 ބިލިއަން ވިއުސް އާއެކު ''ޑެސްޕަސީޓޯ'' ލަވަ ވަނަ ރެކޯޑެއް ހަދާފައެވެ.

''ބޭބީ ޝާކް'' ވީޑިއޯ ވަނީ މީގެ ކުރިން 2020 ވަނަ އަހަރުގެ ނޮވެމްބަރުމަހުވެސް 7 ބިލިއަން ވިއުސް އާއެކު އެންމެ ގިނަ ބަޔަކު ޔޫޓިއުބްގައި ބެލި ވީޑިއޯއަށް ވެ ދުނިޔޭގެ ރެކޯޑެއް ހަދާފައެވެ.

ޖެހިޖެހިގެން 15 މަސްދުވަސްވަންދެން އެންމެ ގިނަ ބަޔަކު ބެލި ވީޑިއޯގެ މަގާމު ''ބޭބީ ޝާކްސް'' ވީޑިއޯ ދަމަހައްޓާފައިވާއިރު ''ބޭބީ ޝާކް'' ގެ މަގުބޫލުކަމާއެކު މިހާތަނަށް ނިކަލޯޑިއަން އިން އޭގެ ކާޓޫނު ސީރީސެއް އުފައްދާ އަދި ބޭބީ ޝާކްގެ ގިނަ ގޭމްތަކެއް ނުކުމެފައިވާއިރު ދުނިޔޭގެ އެކި ހިސާބުތަކުގައި ބައިނަލްއަގުވާމީ ޓުއާތައް ވަނީ ދެމުން އައިސްފައެވެ.

ނިކަލޯޑިއަންގައި ދައްކަން ފެށި ކާޓޫން ''ބޭބީ ޝާކްސް ބިގް ޝޯ''ގެ ދެވަނަ ސީޒަނެއް އުފެއްދުމުގެ މަސައްކަތްކުރަމުން އަންނައިރު ''ބޭބީ ޝާކްސް''ގެ ފީޗާ ފިލްމެއް އުފެއްދުމުގެ މަޝްވަރާތައްވެސް ކުރެވެމުން އަންނަކަމުގައި ހަބަރުތައް ބުނެއެވެ.

މި ވީޑިއޯ ލަވަ އުފެއްދި ޕިންކްފޮންގް އިން ބުނީ، ދުނިޔޭގެ އާބާދީގައި 7.8 ބިލިއަން މީހުން ރެކޯޑުކުރެވިފައިވާއިރު ދުނިޔޭގައި ދިރިއުޅެމުން އަންނަ ކޮންމެ މީހަކު މަދުވެގެން އެއް ފަހަރަށް ވުރެ ގިނަ ފަހަރު މި ވީޑިއޯ ބަލާފައިވާކަމަށް ބުނެވިދާނެ ކަމަށާއި މިއީ އެ ގުރޫޕަށް ލިބޭ ބޮޑު ޝަރަފެއް ކަމަށެވެ.