ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް އެލެކްސިސް ސަންޗޭޒް ޖެހި ގޯލާއެކު ޔުވެންޓަސް ބަލިކޮށް، އިންޓަ މިލާނުން 12 އަހަރަށްފަހު އިޓަލިއަން ސުޕަ ކަޕްގެ ތަށި އުފުލާލައިފިއެވެ.
އެންމެފަހުގެ ސެރެއާ އޭ ޗެމްޕިއަން އިންޓައިން ރޭ ސަންސީރޯގައި ކުޅުނު ފައިނަލް މެޗުގައި ޔުވެންޓަސްގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި އެލެކްސިސް ޖެހި ގޯލު ފެނުނީ އިތުރު ވަގުތުގެވެސް ފަހު މިނެޓުގައެވެ. އެއީ މެޗުގެ 121 ވަނަ މިނެޓުގައެވެ.
ރޭގެ މެޗުގެ ފެށިގެން ޔުވެންޓަސްގެ ވެސްޓޮން މެކެނީ ޖެހި ގޯލާއެކު އެޓީމުން ލީޑު ނަގައިގެން ކުޅެމުން ދަނިކޮށް، ހާފު ނިމުމުގެ ކުރިން އިންޓައިން އެއްވަރު ކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީ އިންޓައަށް ކާމިޔާބު ކޮށްދިނީ ލައުޓާރޯ މާޓިނޭޒް އެވެ. މެޗުގެ ދެވަނަ ހާފުގައި ހަމަލާތައް މަދުކޮށް ފެނިގެން ގޮސްފައިވީ ނަމަވެސް އިންޓަގެ ޑެންޒެލް ޑަމްފްރީސް ބޮލުން ޖެހި ބޯޅައެއް، ޔުވެންޓަސް ގޯލްކީޕަރު ޕެރިން ޕަންޗު ކޮށްލުމުން ގޯލުގެ ދަނޑިއަށް އަމާޒުވިއެވެ.
މެޗު 1-1 ގެ ނަތީޖާއެއްގައި އޮވެ އިތުރު ވަގުތު ނިމެން ދަނިކޮށް އެލެކްސިސް ގޯލު ޖެހީ މަޓެއޯ ޑާމިއަން ދިން ބޯޅައަކުންނެވެ.
މިއީ މި ސީޒަނަށް އިންޓައާ އަލަށް ހަވާލުވި ކޯޗު، ސައިމޯން އިންޒާގީ ކްލަބާއެކު ހޯދި ފުރަތަމަ މޮޅެވެ. އެހެން ނަމަވެސް އިންޒާގީ ވަނީ މީގެ ކުރިން ދެ ފަހަރަށް ސުޕަ ކަޕް ކާމިޔާބު ކޮށްފައެވެ. އެއީ ލާޒިއޯގައި މަސައްކަތް ކުރި އިރުއެވެ.
ރޭގެ ތަށްޓަކީ އިންޓައިން މިހާތަނަށް ނެގި ހަތަރު ވަނަ ކަޕް ތަށްޓެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު