ރ. ރަސްމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 75 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ އެރަށުގެ އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކުރީޓް ގަލުގެ ފުރަތަމަ ބާޖް އިއްޔެ އެރަށަށް ގެންގޮސްފައިވާ ކަމަށެވެ.

ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 28.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމްޓީސީސީން އެ މިޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 31 އޮގަސްޓް 2020 ގައެވެ.

މި މަޝްރޫއުގެ ދަށުން 8،100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 377 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 600 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރުގައި ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.