މާލޭގެ އަމާންކަން ކަށަވަރުކުރުމަށް ފުލުހުންނާއި ސިފައިން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.
ސަލާމަތީ ބާރުތަކުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ އޮޕަރޭޝަނަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މާލޭގެ އަމާންކަމާއި ރައްކާތެރިކަން ޔަގީންކުރުމުގެ ގޮތުން ފުލުހުންގެ އެދުމުގެ މަތިން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު "ގުޅިގެން"ގެ ނަމުގައި ފަށާފައިވާ އޮޕަރޭޝަނެއް ކަމަށެވެ.
ނަމަވެސް މި އޮޕަރޭޝަނަކީ ކޮން ކަމަކާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމެއް ސަލާމަތީ ބާރުތަކުން ހާމަކޮށްފައެއް ނުވެއެވެ.
ސަލާމަތީ ހިދުމަތްތަކުން ވަނީ އެފަރާތްތަކުން ކުރިއަށްގެންދާ މިފަދަ އޮޕަރޭޝަންތަކުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސަލާމަތީ ބާރުތަކުން ހާއްސަ އޮޕަރޭޝަނެއް ފަށާފައި މިވަނީ ޓެރަރިޒަމްގެ ޓްރެޓަކާ ގުޅިގެންނެވެ. ފުލުހުންނާއި ސިފައިން އަންނަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ.
ސިފައިންނާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު، މިދިޔަ ބްރާސްފަތި ދުވަހުގެ ރޭ ފުލުހުން ހިންގި އެންޓި ޓެރެރިޒަމްގެ އޮޕަރޭޝަނެއްގައި މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މިދިޔަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގެ ސެކިއުރިޓީ ވަރުގަދަކުރިއެވެ. އަދި ރާއްޖެއަށް އަމާޒުކޮށް ނިރުބަވެރި ހަމަލާތައް ދޭން ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު