ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ކުޅުނު މެޗުގައި ކްލަބު އީގަލްސްއިން ފަހަތުން އަރައި ތިން ގޯލު ޖަހައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.
ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗު އީގަލްސްއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުން މޮޅުވެ އީގަލްސް އޮތީ ލީގު ބުރުގެ ހަތަރު ވަނައިގައެވެ. ލީގު ބުރުގައި ކޮންމެ ޓީމަކުންވެސް މިހާތަނަށް ފަސް މެޗު ކުޅެފައިވާ އިރު، އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް ވެލެންސިއާ އޮތީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކީ 15 ޕޮއިންޓް ހޯދައިގެންނެވެ.
މާޒިޔާ އަށް އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް 12 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް އީގަލްސް އާއި ފަސް ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ.
ހަ ވަނައިގައި އޮތް ޓީސީއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ހަތް ވަނައިގައި އޮތް ދަ ގްރާންޑޭ އާއި އެންމެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓްރީގެ އޮތީ އެންމެ ޕޮއިންޓެކެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، ދަ ގްރާންޑޭ އިން ވަނީ މެޗުގެ 30 ވަނަ މިނެޓްގައި މުސްރިފު މޫސާ ޖެހި ގޯލުން ލީޑު ނަގައިފައެވެ. އަރިމަތިން ޖަޕާނުގެ މިޑްފީލްޑަރު ޔޫގޯ ކަވަބާޓާ ހުރަސްކޮށްލި ބޯޅަ މުސްރިފު ގޯލަށް ފޮނުވައިލީ އެއް ފަހަރުންނެވެ.
ދަ ގްރާންޑޭން ދެވަނަ ގޯލު ޖެހީ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ. ފުރަތަމަ ގޯލު ޖެހި މުސްރިފު ތަނަވަސްކޮށްދިން ފުރުސަތު އެ ގޯލު ކާމިޔާބު ކޮށްދިނީ އިސްމާއިލް ނަޒީހުއެވެ.
ދެވަނަ ގޯލަކާއެކު ދަ ގްރާންޑޭއިން ވަރަށް ބޮޑަށް ފަހަތަށް ޖެހި ޑިފެންސް ކުރަން ވިސްނިތަން ފެނުނެވެ. އޭގެ ބޭނުން ހިފައި އީގަލްސްއިން ކުރިއަށް ޖެހި މެޗުގެ ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. އީގަލްސް އިން ފުރަތަމަ ގޯލު ޖެހީ މެޗުގެ 60 ވަނަ މިނެޓްގައެވެ. ހިލޭ ޖެހުމަކުން އެ ގޯލު ޖެހީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ. މިރޭގެ މެޗަކީ ދިގު މުއްދަތުގެ އަނިޔާއަކަށްފަހު އީގަލްސްގެ ފުރަތަމަ 11 ގައި ހިމެނި ރިޒޭ ކުޅުނު ފުރަތަމަ މެޗުވެސް މެއެވެ. ބަދަލެއްގެ ގޮތުގައި މި ސީޒަންގެ މެޗުތަކުން މިހާތަނަށް ރިޒޭ ފެނުނު އިރު، އޭނާ ރިކަވާ ވެފައި މިވަނީ މިދިޔަ ސީޒަނުގައި ކުރި ކަކުލުގެ އޮޕަރޭޝަނަކުންނެވެ.
އޭގެ އިރުކޮޅެއް ފަހުން އޭރިއާބޭރުން ހަސަން ރާއިފް އަހުމަދު (ހަންނަ) ޖެހި ބޯޅަ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވި އިރު، 70 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރީވެސް ހަންނައެވެ. އޭރިއާބޭރުން ހަންނަ ޖެހި ބާރު ބޯޅަ އަމާޒު ކޮށްލީ ގޯލުގެ ކަނަށެވެ.
އީގަލްސް މޮޅުވި ގޯލު ޖެހީ މެޗުގެ ފަހު ވަގުތުގައެވެ. ކޯނަރަކުން އެ ގޯލު ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ހުމައިދު ހުސައިންއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު