މާލެ ސަރަހައްދުގައި ކޯވިޑްގެ ކޭސް އިތުރުވެފައިވާތީ މާލޭ ސަރައްދުން ފުރާ މީހުން ކޮވިޑަށް ޓެސްޓު ކުރަން ޖެހޭގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅެމުން ސޯޝަލް ސެންޓަރާއި ސެނަހިޔާ ކައިރިއަށް ގިނަ ބަޔަކު ޖަމާވެއްޖެއެވެ.

މިއަދު ހަވީރު ކުއްލިގޮތަކަށް އެޗްޕީއޭއިން މާލޭ ސަރައްދުން ފުރާ މީހުން ކޮވިޑަށް ޓެސްޓުކުރަން ޖެހޭގޮތަށް ކަނޑައެޅުމުން ދަތުރުކުރަން ރާވާފައިވާ ގިނަ މީހުން ވަނީ މިރޭ އިރާކޮޅުން ފެށިގެން ސޯޝަން ސެންޓަރާއި ސެނަހިޔާ ކައިރީގައި ކިޔުގައި ޖެހެން ފަށައިފައެވެ.

މިރޭ 9:30 އެހާކަންހާއިރު ސޯޝަލް ސެންޓަރަށް ޓެސްޓު ހަދަން ގޮސްފައިވާ މީހުންގެ ކިޔުލައިން ހިރިޔާ ސްކޫލާ ހަމައަށް ފޯރައެވެ. އަދި ސެނެހިޔާ ސަރަހައްދުގެ ކިޔޫގައިވެސް ވަރަށް ގިނަ ބަޔަކު ތިއްބެވެ.

ސޯޝަލް ސެންޓަރާއި ސެނެހިޔާ ކައިރީގައި މިރޭ 7:00 ޖެހިއެހާކަންހާއިރު މީހުން ކިޔުގައި ޖެހެން ވަނީ ފަށައިފައެވެ. އެ ކިޔުލައިނުގައި އުމުރުން ދޮށީ މީހުންނާއި ކުޑަކުދިން ވެސް ތިއްބެވެ.

އެހާ ގިނަ އަދަދެއްގެ ބަޔަކު އެއް ފަހަރާ ޓެސްޓު ހަދަން ދިޔުމުން މިރޭ އެޗްޕީއޭއިން ވަނީ ކުރިއަށް އޮތް ދެ ދުވަހު މާލެއިން ފުރާ މީހުންނަށް ލުއިތަކެއް ދިނުމަށް ނިންމައިފައެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކުރިއަށް އޮތް ދެދުވަހު މާލެއިން ރަށްރަށަށް ދަތުރު ކުރަން ޖެހޭ ފަރާތްތަކުން ސާމްޕަލް ނެގުމަށްފަހު ދަތުރުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރެވޭނެ ކަމަށެވެ. އަދި މާލެއިން ރަށަށް ފުރާ މީހުން ރަށުން ސާމްޕަލް ނެގުމަށްފަހު، ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރެވޭނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ކޯވިޑްގެ ކޭސް އިތުރުވެފައިވާތީ މާލޭ ސަރައްދުން ފުރާ މީހުން ކޮވިޑަށް ޓެސްޓުކުރަން ޖެހޭގޮތަށް އެޗްޕީއޭ އިން ކަނޑައެޅީ މާލޭ ސަރަހައްދުގައި ހަފުތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ ރޭޓު ފަސް ޕަސަންޓަށްވުރެ މަތިވެފައިވާތީއެވެ. އަދި އަތޮޅުތަކަށް ފުރުމުގެ ހުއްދަ ދެވޭނީ ކޮވިޑަށް ނެގެޓިވްވުމުން ކަމަށްވެސް އެޗްޕީއިން ބުނެފައިވެއެވެ.

މީގެ އިތުރުން ކޮވިޑް ވެކްސިން ފުރިހަމަކޮށް، 14 ދުވަސް ވެފައިވާ މީހެއްނަމަ 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރެވޭނެ ކަމަށެވެ. އަދި ވެކްސިން ފުރިހަމަކޮށްފައި ނުވާ މީހަކު ނަމަ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ. އަދި ކަރަންޓީނުން ދޫކުރަނީ ކޮވިޑު ޓެސްޓު ނެގެޓިވްވުމުންނެވެ.

މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން "ކޮވިޑްސޭފް" ޕޯޓަލްއިން ނެގެޓިވް ނަތީޖާ ދައްކާފައި ދަތުރުކުރުން ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ. އަދި ކަރަންޓީނުވުމަށް ދަތުރުކުރާ ފަރާތްތަކުން "ހާލުބެލުން ޕޯޓަލް" އިން ހުއްދަ ހޯދައިގެން ދަތުރުކުރުންވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން މާލެ ސަރައްދުގައިވެސް ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން މާލޭ ސަރަހައްދުގައި 50 މީހުންނަށް ވުރެ ގިނައިން އެއްވާ ހަރަކާތްތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. އަދި މަގުމަތީ ބާޒާރުތައްވެސް ވަނީ މަނާކޮށްފައެވެ. ސަޕޯޓަރުން ވައްދައިގެން ކުޅިވަރު ހަރަކާތްތައް ބޭއްވުންވެސް މިހާރު ވަނީ މަނާކޮށްފައެވެ.

މާލެ ސަރަހައްދުގެ ކޭސްތައް އިތުރުވެފައިވާއިރު، ވޭތުވެދިޔަ ފަސް ވަރަކަށް ދުވަހު އަދަދުތައް އުޅެނީ 100 އިން މަތީގައެވެ. މިއަދު ވެސް ވަނީ މާލެ ސަރަހައްދުން 100 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.