ވިޔަފާރި

ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިކުރުުމުގެ ގަވާއިދު އާއްމުކޮށް، ގިންތިކުރަން ހުށަހެޅުމަށް ހުޅުވާލައިފި

މުހައްމަދު ޖަމްޝަތް ވަހީދު

ރާއްޖޭގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ގިންތިކުރާނެ ގޮތުގެ ގަވާއިދު އެކުލަވާލައި، އިކޮނޮމިކް މިނިސްޓްރީން މިއަދު އާއްމުކޮށްފިއެވެ.

ގެޒެޓުގައި އާއްމުކޮށްފައިވާ މި ގަވާއިދު ބުނާގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ގިންތި ކުރެވިގެން ދާނީ ތިން ގިންތިއަކަށެވެ. އެއީ އެންމެ ކުދި ވިޔަފާރި، ކުދި ވިޔަފާރި އަދި މެދުފަންތީގެ ވިޔަފާރިއެވެ.

ވިޔަފާރިތައް ގިންތިކުރުމުގައި ބަލާނީ އެ ވިޔަފާރިއަކަށް އަހަރެއްގެ މައްްޗަށް ލިބޭ ޖުމުލަ އާމްދަނީ އާއި، އަހަރަކަށް ލިބޭ ސާފު ފައިދާގެ އިތުރުން ގެންގުޅޭ މުވައްޒަފުންގެ އަދަދަށް ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

އެގޮތުން އެންމެ ކުދި ވިޔަފާރީގެ ގޮތުގައި ގިންތިކުރެވޭނީ އެ ވިޔަފާރިއެއްގެ އަހަރު ދުވަހުގެ އާމްދަނީ 500،000 ރުފިޔާއަށްވުރެ ގިނަނުވާ ނަމައެވެ. އަދި މުވައްޒަފުންގެ އަދަދު ފަހަކަށްވުރެ ގިނަނުވެ، އަހަރު ދުވަހުގެ ސާފު ފައިދާ 75،000 ރުފިޔާ އަށްވުރެ އިތުރު ނުވާނަމައެވެ.

ކުދި ވިޔަފާރީގެ ގޮތުގައި ގިންތިކުރެވޭ ވިޔަފާރިއެއްގެ އަހަރު ދުވަހުގެ އާމްދަނީ ވާން ޖެހެނީ 500،000 ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށެވެ. ސާފު ފައިދާގެ އަދަދަކަށް ވާން ޖެހޭނީ 75،000 ރުފިޔާ އާއި 750،000 ރުފިޔާއާ ދެމެދުގެ މިންވަރެކެވެ. މުވައްޒަފުންގެ އަދަދެއް ކަމަށް ވާން ޖެހެނީ 6-30 ދެމެދުގެ އަދަދެކެވެ.

މެދުފަންތީގެ ވިޔަފާރިއެއް ކަމަށް ގިންތި ކުރެވޭ ވިޔަފާރިއެއްގެ އަހަރު ދުވަހުގެ އާމްދަނީ ވާން ޖެހެނީ ފަސް މިލިއަނާއި 20 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށެވެ. ސާފު ފައިދާގެ އަދަދަކަށް ވާންޖެހޭނީ 750،000 ރުފިޔާ އާއި ތިން މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެކެވެ. މުވައްޒަފުންގެ އަދަދެއް ކަމަށް ވާންޖެހެނީ 30-100 ދެމެދުގެ އަދަަދެކެވެ.

ގަވާއިދު ބުނާގޮތުން އެ ގަވާއިދުގެ ދަށުން ވިޔަފާރި ގިންތިކުރާ އިރު، ވަކި ވިޔަފާރިއެއްގައި ހިމެނޭ މުވައްޒަފުންގެ އަދަދާއި އެ ވިޔަފާރިއަށް ލިބޭ އާމްދަނީގެ އަދަދާއި ސާފު ފައިދާގެ އަދަދު އެއިން ގިންތިއެއްގައި ބަޔާންކުރާ މިންގަނޑަކަށް ނުފެތޭ ނަމަ، ބަލާނީ މުވައްޒަފުންގެ އަދަދުގެ 40 އިންސައްތައަށާއި ޖުމުލަ އާމްދަނީގެ 30 އިންސައްތައަށް އަދި ސާފު ފައިދާގެ 30 އިންސައްތައަށެވެ.

ވިޔަފާރިތައް ގިންތިކުރަން ހުށަހެޅުމަށް ހުޅުވާލާފައިވާ އިރު، މިއަދުން ފެށިގެން އަލަށް ރަޖިސްޓްރީކުރާ ވިޔަފާރިތަކުންވެސް އެ ވިޔަފާރި ރަޖިސްޓްރީވާ ދުވަހުން ފެށިގެން 12 މަސްދުވަހަށް ލަފާކުރެވޭ އާމްދަނީއާއި މުވައްޒަފުންގެ އަދަދަށް ނިސްބަތްކޮށް ވިޔަފާރި ގިންތިކުރަން ހުށަހަޅަންޖެހޭނެއެވެ.