ލައިފް ސްޓައިލް

ޓެކްސީ ޑްރައިވަރެއް: ކައިވެނީގެ ހެދުން ގަނެވޭނެ ފަދައެއް ނެތް ކުދީންނަށް އެ ފުރުސަތު ފަހިކޮށްދެނީ

އަންހެން ކުއްޖެއްގެ ހަޔާތުގައި އަންނާނެ އެންމެ ހާއްސަ ދުވަހަކީ އަލަތު ކައިވެނި ކުރެވޭ ދުވަހަށް ވާއިރު އެއީ އެންމެ ބޮޑަށް ނަލަ ހެދި ޒީނަތްތެރިވާން ބޭނުންވާނެ ދުވަހެވެެ.

ނަމަވެސް ކައިވެންޏަށް ހާއްސަ ހެދުމެއް ހޯދުމުގެ ނަސީބު ކޮންމެ ކޮންމެ ކުއްޖަކަށް ނުލިބެއެވެ. ކެރަލާގެ މިމީހާ އަންނަނީ އެ ދުވަސް ހާއްސަ ކޮށްދިނުމުގެ ބޭނުމުގައި ފޯރުންތެރިކަން ނެތް ކުދިންނަށް ހިލޭ ކައިވެނީގެ ހެދުން ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ކެރަލާގެ މާލަޕުރަމް ޑިސްޓްރިކުގައި ޓެކްސީ ކުރަމުން އަންނަ ނާސަރް ތޫތާ ވަނީ މިކަމަށް ހާއްސަކޮށްގެން ''ވެޑިންގް ޑްރެސް ބޭންކް'' އެއް ހުޅުވައިފައެވެ. ކައިވެނީގެ ހެދުމަށް ބޮޑު ހަރަދުކޮށް ތައްޔާރުކުރާ މި ހާއްސަ ހެދުން ގިނަ ބަޔަކު ބޭނުން ކުރަނީ ހަޔާތުގެ މި އުފާވެރި ދުވަހުގައި އެކަންޏެވެ. އެ ނަސީބު ލިބިފައި ނުވާ ކުދިންނަށް ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް ތޫތާގެ މި މަސައްކަތުން ހެދުން ހަދިޔާ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ގިނަ ބަޔަކު ވަނީ ހެދުންތައް ހަދިޔާ ކޮށްފައެވެ. އޭނާގެ މި ބޭންކުގެ އެހީގައި މިހާތަނަށް 260 އަށް ވުރެ ގިނަ ފަގީރު ކުދީންގެ ކައިވެންޏަށް ވަނީ ހިލޭ ހެދުން ފޯރުކޮށްދީފައެވެ.

އުމުރުން 44 އަހަރުގެ ތޫތާ އަކީ މީގެ ކުރިން ސައުދީ އަރަބިޔާގައިވެސް ދިރިއުޅުނު މީހެކެވެ. އޭނާގެ މި މަސައްކަތަށް ވަޓްސްއެޕް އަދި ފޭސްބުކް ބޭނުންކޮށް ކައިވެނީގެ ހެދުން ޑޮނޭޓުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

އޭނާގެ މިމަސައްކަތަށް އެއްބާރުލުން ދީ، ގިނަ ބަޔަކު ކައިވެނީގެ ހެދުންތައް ހަދިޔާކޮށްފައެވެ. އެ ހެދުންތައް ޑްރައިކްލީން ކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަނީ އޭނާ އަމިއްލަ އަށެވެ. މިހާތަނަށް އޭނާގެ ބޭންކުގައި 800 އަށްވުރެ ގިނަ ކައިވެނީގެ ހެދުން ހުރި އިރު އޭގެ ތެރޭގައި ހިންދޫ، މުސްލިމް އަދި ކްރިސްޓިއަން ކައިވެނިތަކަށް ހާއްސަ 5000 އާއި 50،000 ރުޕީސްގެ އަގުހުރި ކައިވެނީގެ ހެދުން ހިމެނޭ ކަމުގައި ތޫތާ ބުނެއެވެ.