ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާއެކު ވެފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އަށް މި ސަރުކާރުން ވީހާވެސް އަމަލުކުރަން ފަށާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި ފޮރިން މިނިސްޓަރު ވޭންގް ޔީ ވިދާޅުވެއްޖެއެވެ.
ވަންގް ޔީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއެކު ދެއްވި ޖޮއިންޓް ނޫސް ވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވަންގް ޔީ ވިދާޅުވީ އެފްޓީއޭގެ ސަބަބުން ރާއްޖެއަށް ވާން ހުރީ ފައިދާ ކަމަށެވެ،
ވަންގް ޔީ ވިދާޅުވީ އެފްޓީއޭއަށް އަމަލުކުރަން ފެށުމުން ރާއްޖޭގެ އުފެއްދުންތައް ޗައިނާގެ ބާޒާރުގައި ދައުރުވާން ފަށާނެ ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ފައިދާވާނެ ކަމަށެވެ.
"އުންމީދުކުރަނީ ދެ ގައުމުން ވެސް ރެޓިފައިވެ، ފްރީ ޓްރޭޑް އެގްރީމަންޓަށް ވަރަށް އަވަހަށް އަމަލުކުރެވިގެން ދިއުން،" ވަންގް ޔީ ވިދާޅުވިއެވެ.
ރާއްޖެއިން ޗައިނާއާއެކު އެފްޓީއޭގައި ސޮއިކުރީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު 18 ވަނަ ދުވަހު ރައީސް ޔާމީން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައެވެ. ޗައިނާއާއެކު އެފްޓީއޭ އެއްބަސްވުމެއް ގާއިމުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެފްޓީއޭގެ ސަބަބުން ރާއްޖެއަށް ފައިދާވާނެ ކަމަށް ގަބޫލެއް ނުކުރެއެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މީގެ ކުރިން ވިދާޅުވެފައިވަނީ އެފްޓީއޭއަކީ ހަމައެކަނި ޗައިނާއަށް ފައިދާވާ ގޮތަށް ތައްޔާރުކޮށްފައިވާ "ވަން ސައިޑް އެގްރީމެންޓެއް" ކަމަށެވެ. ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެފްޓީއޭއާ ދެކޮޅުކަން ހާމަކުރައްވައިފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަންގް ޔީ ވިދާޅުވީ ދިވެހި ސަރުކާރާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށާއި އެކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ. އަދި މިރާއްޖެއަށް ބޭނުން ޖެހުނު ކޮންމެ ކަމެއްގައި ޗައިނާއިން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށާއި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ވެސް ރާއްޖޭގައި ހިންގާފައިވާނެކަން ވަންގް ޔީ ފާހަގަ ވަނީ ފާހަގަ ކުރައްވައިފައެވެ.
ދެ ގައުމުގެ އެކުވެރިކަމުގެ ސަބަބުން "ވިން ވިން" ނަތީޖާއެއް ނެރެވިފައިވާ ކަމަށް ވެސް ވަންގް ޔީ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖެ އަމިއްލަ ފައި މައްޗަށް ތެދުވެ، އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީގައި ކުރިއަށް ދިއުމަށް ޗައިނާއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ.
އެގޮތުން ވެލާނާ އިންޓަނޭޝަން އެއާޕޯޓު (ވީއައިއޭ) ތަރައްގީކޮށްދިން ކަމާއި އަދި ޗައިނާގެ އެހީގައި ތަރައްގީކުރި ސިނަމާލެ ބްރިޖު އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ވަންގް ޔީ ވަނީ އަލިއަޅުވާލައްވައިފައެވެ.
ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ދިމާވި ހީނަރުކަން އިޔާދަކުރަން ވެސް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވަންގް ޔީ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން ޗައިނާގައި ޕްރޮމޯޓުކުރުމަށް އެހީވެދޭނެ ކަމަށް ވެސް ވަންގް ޔީ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު