ދުނިޔެ

އިންޑިއާއަށް ދާ މީހުން ހަތް ދުވަހަށް ކަރަންޓީނުވާން ޖެހޭ ގޮތަށް ހަދައިފި

އިންޑިއާއަށް ދާ އެންމެންވެސް ހަތް ދުވަހަށް ގޭގައި ކަރަންޓީންވާން ޖެހޭގޮތަށް އިންޑިއާ ސަރުކާރުން ކަނޑައަޅައިފިއެވެ.

އެގައުމުގެ ނޫހެއް ކަމަށްވާ "ދަ އިންޑިއަން އެކްސްޕްރެސް"އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަންނަ އަންގާރަ ދުވަހުން ފެށިގެން ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އިންޑިއާއަށް އެތެރެވާ ފަސިންޖަރުން ހަތް ދުވަހު ގޭގައި ނުވަތަ ހޮޓަލުގައި ކަރަންޓީންވާން ޖެހޭގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި ހަތް ދުވަހުގެ ކަރަންޓީން ނިންމުމަށްފަހު ޕީސާއަރް ޓެސްޓެއް ހަދައި ނަތީޖާ "އެއާ ސުވީދާ ޕޯޓަލް" އަށް އަޕްލޯޑް ކުރަން ޖެހޭނެ ކަމަށެވެ.

އިންޑިއާ އަށް ދަތުރުކުރާ ހުރިހާ މީހުންވެސް އެ މީހުންގެ ދަތުރު ޝެޑިއުލާ އެކު، ފާއިތުވި 14 ދުވަހުގެ ތެރޭގައި ދަތުރުކޮށްފައިވާ ތަންތަނުގެ މައުލޫމާތު ވެސް "އެއާ ސުވީދާ ޕޯޓަލް" އަށް އަޕްލޯޑް ކުރަން ޖެހެއެވެ. އަދި ސަރުކާރުން އެކުލަވާލާފައިވާ ހައި ރިސްކު ގައުމަކުން އިންޑިއާއަށް ދާނަމަ، އިންޑިއާ އަށް އެތެރެވުމާ އެކު ކޮވިޑް ޓެސްޓު ހަދަން ޖެހޭނެއެވެ.

ކަރަންޓީން ފުރިހަމަކުރުމަށްފަހު ހަދާ ޕީސީއާރް ޓެސްޓުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެނަމަ، އިންޑިއާ ސަރުކާރުން ކަނޑައަޅާ ތަނެއްގައި އެ މީހަކު ކަރަންޓީންވާން ޖެހޭނެއެވެ. ޓެސްޓު ނެގެޓިވް ވެއްޖެ ނަމަ އިތުރު ހަތް ދުވަހަށް އެ މީހާގެ ހާލަތު އަމިއްލައަށް މޮނިޓާ ކުރަން ޖެހޭނެއެވެ.

ވައިގެ މަގުން އެތެރެވާ މީހުންގެ އިތުރުން ކަނޑުމަގުންނާއި އެއްގަމު މަގުން އިންޑިއާއަށް ދާ މީހުން ވެސް އެ އުސޫލުތަކަށް އަމަލުކުރަން ޖެހޭނެއެވެ.

އަވައްޓެރި އިންޑިއާގައި މި ދުވަސްވަރު ހަލުވިކަމާއެކު ކޮވިޑް އަންނަނީ ފެތުރެމުންނެވެ. ކޮވިޑްގެ އާ ވޭރިއަންޓް އޮމިކްރޯން ވެސް އެގައުމުގައި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.