ދުނިޔެ

ބޭރުގެ އެއާލައިންތަކުން އަފްގާނިސްތާނުގެ ވައިގެ ސަރަހައްދު ބޭނުން ނުކުރާތީ, ތާލިބާނަށް ބޮޑު ގޮންޖެހުމެއް

ބައިނަލްއަގުވާމީ އެއާކުރާފްޓުތަކުން އަފްގާނިސްތާނުގެ ވައިގެ ސަރަހައްދު ބޭނުން ނުކުރާތީ, ސަރުކާރަށް ލިބޭ އާމްދަނީ ބޮޑުތަނުން ދަށްވެފައިވާ ކަމަށް އެގައުމުގައި ވެރިކަން ކުރަމުންދާ ތާލިބާނުން ބުނެފިއެވެ.

އަފްގާނިސްތާނުގެ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ގުލާމް ޖައިލާނީ ވަފާއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން, 24 ގަޑިއިރުގެ ތެރޭގައި އަފްގާނިސްތާނުގެ ވައިގެ ސަރަހައްދުން މިހާރު ދަތުރުކުރަނީ 70 ވަރަކަށް މަތިންދާ ބޯޓެވެ.

އަދި އެއިން ކޮންމެ ދަތުރަކުން އަފްގާނިސްތާނަށް 700 ޑޮލަރު ލިބުނު ނަމަވެސް, އެއީ ކުރިއާ ހިލާފަށް 80 ޕަސެންޓުގެ ދަށްވުމެއް ކަމަށް ޖައިލާނީ ވަފާ ވިދާޅުވެފައިވެއެވެ.

ތާލިބާނުން ބުނީ, އަފްގާނިސްތާނުގެ އެއާޕޯޓުގެ ޓެކްނިކަލް ކަންތައް ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފި ނަމަ, އެގައުމުގެ ވައިގެ ސަރަހައްދު ބޭނުންކުރާ ފްލައިޓުތައް އިތުރުވެދާނެތީ, ބޭރުގެ ބައެއް ގައުމުތަކާއެކު އެ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"ރަނގަޅު ހިދުމަތްތަކެއް ދެވެންޔާ, އަފްގާނިސްތާނުގެ ވައިގެ ސަރަހައްދު ހުރަސްކުރަން އެއާލައިންތަކަށް އަގުހެޔޮވެ, ވައިގެ ސަރަހައްދު ބޭނުން ކުރާނެ," ޓްރާންސްޕޯޓް މިނިސްޓްރީގެ ތަރުޖަމާން, އިމާމުއްދީން އަހްމަދީއާ ހަވާލާދީ މީޑިއާއަކުން ބުނެފައިވެއެވެ.

ތާލިބާނުން އެހެން ބުނި ނަމަވެސް, އަފްގާނިސްތާންގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރަކު ވަނީ, އެއާލައިންތަކުން އަފްގާނިސްތާނުގެ ވައިގެ ސަރަހައްދު ބޭނުން ނުކުރަނީ ރައްކާތެރިކަމާމެދު ޔަގީންކަން ނެތުމުން ކަމަށެވެ.