ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، އަބްދުލް ހަންނާނު އިދުރީހަކީ ފަސްބައިގައި އެއްވެސް ކިލަނބުކަމެއް ނެތް ބޭފުޅެއް ކަމަށް އެޕާޓީގެ އަންހެނުންގެ ވިންގުގެ ލީޑަރު އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ހަންނާނުގެ ކެމްޕޭން ފެށުމުގެ ގޮތުން ށ. ކޮމަންޑޫގައި މިރޭ ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވީ އެމްއެންޕީއަކީ ކުޑަ ޕާޓީއެއް ނަމަވެސް އެޕާޓީއަކީ ނަތީޖާ ނެރޭ، އަދި އިހުލާސްތެރި ބަޔަކު ތިބި ޕާޓީއެއް ކަމަށެވެ.

ދުންޔާ ވިދާޅުވީ ހަންނާނަކީ އިހުލާސްތެރި ބޭފުޅެއްކަމަށާއި އެބޭފުޅާގެ ފަސްބައިގައި އެއްވެސް ކިލަނބުކަމެއް ނެތް ކަމަށެވެ.

"ހަންނާނު ހޮވައިދެއްވައިފި ނަމަ، މި ދާއިރާގެ ހައްގުގައި އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްދޭނެ" ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ މި ސަރުކާރުގެ ތިން އަހަރު ނިމިގެން ދިޔައިރު ކޮމަންޑޫ ދާއިރާއަށް މާގިނަ ކަންތައްތަކެއް ކޮށްދީފައި ނުވާ ކަމަށާއި ރައްޔިތުން ބޭނުންވާ ތަރައްގީ އެއަށް ވުރެ އަވަހަށް ގެނެސްދޭން ޖެހޭ ކަމަށެވެ.

ދުންޔާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށްވެސް އެދެވޭ ކުރިއެރުންތަކެއް އަންނަން ޖެހޭ ކަމަށާއި ރާއްޖެ ތަރައްގީކުރުމަށް އިހުލާސްތެރިކަމާއެކު މަސައްކަތްކޮށްދޭނެ ޕާޓީއަކީ އެމްއެންޕީ ކަމަށެވެ.