ހުޅުމާލޭގައި މީހުން އެއްވެ ކުރިއަށްގެންދާ ހަރަކާތްތަކާއި ހަފުލާތައް ބޭއްވުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ، ހަރަކާތްތައް ހިންގުމަށް ދޫކުރާ ހުއްދަ ދިނުން މެދުކަނޑާލީ ކޮވިޑްގެ އާ ވޭރިއަންޓްކަމަށްވާ އޮމިކްރޯން ރާއްޖެއިން ފެނިފައިވުމާއެކު މާލޭ ސަރަހައްދުގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ، ބަލި ކޮންޓްރޯލްކުރުމުގެ ފިޔަވަޅެއްގެ ގޮތުން ހަރަކާތްތައް މެދުކަނޑާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފައިވާތީ ކަމަށެވެ.
"ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ މީހުން އެއްވާ ހަފުލާތަކާއި ހަރަކާތްތައް ބޭއްވުމަށް މިކުންފުނިން ދޫކުރަމުން ގެންދާ ހުއްދަތައް ވަގުތީ ގޮތުން މެދުކަނޑާލެވިފައިވާ ވާހަކަ އެންމެހާ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވަން،" އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގައި މީހުން އެއްވެ ކުރިއަށްގެންދާ ހަރަކާތްތަކަށް ހުއްދަ ދިނުން މެދުކަނޑާލައިފައިވާއިރު، މިފަހަކަށް އައިސް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެގޮތުން ކޮވިޑް އަދަދު 200 އިން މަތީގައި ހުންނަތާ ހަތަރު ދުވަސް ވަނީ ވެފައެވެ. އަދި މާލެ ސަރަހައްދުން އިއްޔެވެސް ވަނީ 100 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައެވެ.
ކޮވިޑްގެ ނަންބަރުތައް އިތުރުވުމާ ގުޅިގެން މާލޭގައި ބާއްވަމުންދިޔަ ނައިޓް މާކެޓްވެސް ވަނީ ހުއްޓާލައިފައެވެ.
މީގެ އިތުރުން ރައީސް އޮފީހުން ވަނީ ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރުކޮށް، މާސްކް ނާޅާ މީހުންނަށް ފިޔަވަޅު އެޅުމަށްވެސް އަންގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު