ޚަބަރު

މިމަހު ތެރޭގައި ސްޓޫޑެންޓް ލޯނަށް ކުރިމަތިލާން ހުޅުވާލަނީ

އަލީ ޔާމިން

މިމަސް ނިމުމުގެ ކުރިން ސްޓޫޑެންޓް ލޯނަށް ކުރިމަތިލާން ހުޅުވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިމަސް ނިމުމުގެ ކުރިން ސްޓޫޑެންޓް ލޯން ސްކީމެއް އިއުލާން ކުރާނެ ކަމަށާއި އެމަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރަމުން އަންނަ ކަމަށެވެ.

"ކުރީގެ ސްކީމްތަކާ ހިލާފަށް ހެޔޮ ބަދަލުތަކެއް މި ސްކީމުގައި ހުންނާނެ. އަޅުގަނޑުމެން އަބަދުވެސް ސްކީމުތަކުގައި އެކި ދާއިރާތަކަށް އެބަ ސްލޮޓްތައް ރިޒާވް ކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ލޯނަށް އެދޭއިރު، އެ ލޯން ސްކީމަކާ ބެހޭ ފުރިހަމަ މައުލޫމާތު އެ ލޯނަކަށް ކުރިމަތިލާ ދަރިވަރަށް އެނގުން މުހިންމު ކަމަށެވެ.

މި ސަރުކާރުން އެކިއެކި ސްކޮލާޝިޕް ފުރުސަތުތައް ހުޅުވާލާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ހަންގޭރީ ސަރުކާރުން ރާއްޖެއަށް 60 އަށް ވުރެ ގިނަ ސްކޮލާޝިޕްގެ ފުރުސަތު ދީފައިވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެކި ސްކޮލާޝިޕަށް ކުރިމަތިލާން ހުޅުވާލާނީ އެކި މަސްތަކުގައި ކަމަށާއި ސްކޮލާޝިޕްތަކާ ބެހޭ ހުރިހާ މައުލޫމާތެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ.