ހަނގުރާމަވެރި ސަރަހައްދުތައް ދޫކޮށް އަނބުރާ ރާއްޖެ އަންނަ ދިވެހި ރައްޔިތުންނަށް އުފަންވާ ކުދިން ދައުލަތަށް ނެގޭނެ އުސޫލުތައް ކަނޑައަޅައި އާއްމު ކޮށްފިއެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އެ އުސޫލު ކަނޑައަޅައި އާއްމު ކޮށްފައި ވަނީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހާ ގުޅިގެން، އެ ގާނޫނުގެ ދަށުން، އެކުލަވައިލަން ޖެހޭ "އަނބުރާ އަންނަ ހަނގުރާމަވެރިންގެ މައްޗަށް ހިންގޭ ހާއްސަ އިޖުރާއަތު ތަކާބެހޭ ގަވާއިދު،" ގައެވެ.
މި ގަވާއިދުގައިވާ ގޮތުން އަނބުރާ އަންނަ ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ، އުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިންގެ މަސްލަހަތު ރައްކާތެރިކުރުމަށް ޓަކައި، އެ ކުދީން އެ ކުދީންގެ މައިންބަފައިންނާ ވަކިކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމުގެ އިހުތިޔާރު، ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގެ ދަށުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ ވުޒާރާއަށް ލިބިގެންވެއެވެ.
ނަމަވެސް އެ އިހުތިޔާރުގެ ބޭނުން ކުރަންވާނީ، އެކުދީންގެ އެސެސްމަންޓެއް ހެދުމަށްފަހު ވަކި ހާލަތެއްގައި ކަމަށްވެސް ބުނެފައިވެއެވެ.
އެ ހާލަތްތަކުގެ ތެރޭގައި އެކުއްޖާ މައިންބަފައިންގެ ގާތުގައި ހުރުމުގެ ސަބަބުން، އެ ކުއްޖާ ހަރުކަށި ފިކުރަށް ހުށަހެޅުމުގެ ފުރުސަތު އޮތުން ނުވަތަ އެ ކުއްޖެއްގެ ފަރާތުގައި ހުރި އެ ފަދަ ފިކުރެއް އާލާވެ، އަށަގަތުމުގެ ފުރުސަތު އޮތުމާއި، މައިންބަފައިންގެ ހުރި ނަފުސާނީ ހާލަތެއްގެ ސަބަބުން ކުއްޖާއަށް ދޭން ޖެހޭ އަޅައިލުމާއި ރައްކާތެރިކަން އެކަށީގެންވާ ގޮތެއްގައި ދެވެން ނެތުމާއި، މައިންބަފައިންގެ އިހުމާލުގެ ސަބަބުން ކުއްޖާއަށް ނަފުސާނީ/ޖިސްމާނީ ގޮތުން ގެއްލުންވެފައި ވުން ހިމެނެއެވެ. އަދި ކުއްޖާގެ މައިންބަފައިންގެ ފަރާތުން އެކްސްޕްލޮއިޓޭޝަންގެ އަމަލެއްގެ ޝިކާރައަކަށް ކުއްޖާ ވެފައިވުން ނުވަތަ އެފަދަ އަމަލެއްގެ ޝިކާރައަކަށް ވުމުގެ ފުރުސަތު އޮތުމާއި، އަޅައިލުމާއި ރައްކާތެރިކަން ބޭނުންވާ ކުއްޖެއް ކަމަށް ބެލުމަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާން ކުރާ ފަދަ ހާލަތެއްގައި ކުއްޖާ ވުން ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ،
އެހާލަތްތައް ދެނެގަތުމަށް އެސެސްމެންޓް ހަދާނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ ވުޒާރާ އާއި ފުލުހުންގެ ކަމާބެހޭ ފަރާތްތައް ގުޅިގެން ކަމަށްވެސް ބުނެފައިވެއެވެ. އެ ހާލަތްތަކުގައި ވެސް ކުދީން މައިންބަފައިންނާ ވަކި ކުރެވޭނީ، އެއީ ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާ ކުރާނެ ގޮތް ކަމަށް ޖެންޑާ މިނިސްޓްރީ އަށް ފެނިގެން ކަމަށްވެސް ބުނެފައިވެއެވެ.
އެ ކުދިންގެ މައިންބަފައިންނާ ވަކި ކުރުމަކީ، ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތްކަމަށް ނިންމުމުގައި ދައުލަތުން ރިއާޔަތް ކުރާނީ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ކުއްޖާގެ މަސްލަހަތަށް އިސްކަންދިނުމުގެ ގޮތެއް ނިންމުމުގައި ރިއާޔަތް ކުރަން ޖެހޭ އާންމު މިންގަނޑުތަކަށާއި،
ކުއްޖާ ހުރި ހާއްސަ ހާލަތަށް ބިނާވާ އެނޫންވެސް ކަންކަމުގެ މައްޗަށް ކަމަށްވެސް ބުނެފައިވެއެވެ.
މައިންބަފައިންނާ ވަކިކުރާ ކުދީން ދައުލަތުގެ ބެލުމުގެ ދަށަށް ވަގުތީ ގޮތުން ގެންދިއުމަށް ފަހު، އެ ކުއްޖާގެ އާއިލާގެ އެހެން މެންބަރަކާ ހަވާލު ކުރެވިދާނެ ކަމަށް އެ ގަވާއިދުގައި ބުނެއެވެ. ނަމަވެސް އެއީ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ގޮތްތަކުގެ މަތީން ކަމަށްވެސް ބުނެފައިވެއެވެ.
އާއިލާގެ މެންބަރަކު ނެތް ކުއްޖަކުނަ މަ، ބަހައްޓާނީ ކުޑަކުދީން ބަލަހައްޓާ ދައުލަތުގެ މަރުކަޒެއްގައި ކަމަށްވެސް ބުނެފައިވެއެވެ ދައުލަތަށް ނަގާ ކުއްޖާ އަނބުރާ މައިންބަފައިންނާ ހަވާލުކުރެވޭނެ ހާލަތްތައް ވެސް މި ގަވާއިދުގައި ބަޔާން ކޮށްފައިވެއެވެ.
އެގޮތުން މައިންބަފައިންނާ ވަކި ކުރާ ކުދީން، އެސެސްމަންޓަކަށް ފަހު މައިންބަފައިންނާ ވަކި ކުރަން ޖެހޭ ކަމަށް ބަޔާންކޮށްފައިވާ ހާލަތަކުން ކުރެ ހާލަތެއް ނެތުމާއި، އެ ކުއްޖާގެ މައިންބަފައިން ތެރެއިން ފަރާތެއް، ރީހެބިލިޓޭޝަން އަދި ރީއިންޓަގްރޭޝަން ޕްރޮގްރާމު ފުރިހަމަކުރުމަށް ފަހު މަރުކަޒުން ދޫކޮށްލުން ވެސް އޭގެ ތެރޭގައި ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު