ސޯޝަލް ސެންޓަރުގެ، ކޮވިޑު ސާމްޕަލް ނަގާ ސެންޓަރު މިއަދު ގަޑިއަށް ނުހުޅުވުމުން އެތަނުގައި ތިބި ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފި އެވެ.

މާލޭގައި މިހާރު ކޮވިޑު ސާމްޕަލް ނަގާ ހަމަ އެކަނި ސެންޓަރަކީ ސޯޝަލް ސެންޓަރުގައި ގާއިމުކޮށްފައި ހުންނަ ސެންޓަރެވެ. އެޗްޕީއޭ އިން ބުނީ ސާމްޕަލް ނެގުން ކޮންމެ ދުވަހަކުވެސް އެކި ގަޑިތަކުގައި އޮންނާނެ ކަމަށެވެ. އެގޮތުން ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުދަ ދުވަހާ ހަމަޔަށް ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި 15:00 އިން 18:00 އަށް ސާމްޕަލް ނެގޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އަދި ބުރާސްފަތި ދުވަހު ހެނދުނު 9:00 އިން މެންދުރު 12:00 އަށް އެ ސެންޓަރު ހުޅުވާފައި ހުންނާނެ ކަމަށާއި ހުކުރު ދުވަހުވެސް 15:00 އިން 18:00 އާ ހަމަޔަށް އެތަން ހުޅުވާފައި ހުންނާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އަދި މި ގޮތަށް ލިޔެ އެ ސެންޓަރުގައި ތަތްކޮށްފައިވެ އޮވެއެވެ.

ސޯޝަލް ސެންޓަރު ސަރަހައްދުގައި މިއަދު ހެނދުނު ގިނަ ބަޔަކު ތިބި އިރު އެ ސެންޓަރު ބަންދުކޮށްފައި ހުރުމުގެ ސަބަބުން އެމީހުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. ނަމަވެސް އެޗްޕީއޭގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ އެ ސެންޓަރު ބަންދު ނުކުރާ ކަމަށެވެ. އަދި ގަޑިއަށް ހުޅުވާފައިވާ ކަމަށެވެ.

ނަމަވެސް ސޯޝަލް ސެންޓަރުގައި ހުރި މީހަކު "ވަން" އަށް މިއަދު ބުނީ ހެންދުނު 9:00ގެ ކުރިން ކިޔޫ ދަމާލާފައި އޮތް ކަމަށާއި ނަމަވެސް އެތަން ހުޅުވާފައިވަނީ އެތަނުގެ ތިބި ބައެއް މީހުން އެޗްޕީއޭ އަށް ގުޅައިގެން އެތައް ޝަކުވާއެއް ކުރި ފަހުން 10:15 ވެސް ވީ ފަހުން ކަމަށެވެ.

"އަޅުގަނޑު މިހުރީ ގާތްގަނޑަކަށް ލައިނުގެ 10 ވަރަކަށް މީހުން ކުރީގަ. ކުޑަ ކުދީންނާއި އަންހެނުންނާއި އުމުރުން ދިވަސްވީ އެތައް ބަޔަކު އެބަތިބި. އެކަމަކު އެތަން ނުހުޅުވައިގެން އެތައް ފަހަރަކު އެޗްޕީއޭއަށް ގުޅިން. ފުރަތަމަ ފަހަރަށް ގުޅާފަ މިތަން ހުޅުވަނީ 9:00ގައި ކަމަށް އިއުލާން ކޮށްފައި އޮތް ނަމަވެސް ނުހުޅުވެޔޭ ބުނީމަ ފޯނު ކަނޑާލީ. ދެވަނަ ފަހަރަށްވެސް ހެދީ އެހެން. ދެން އެތައް ފަހަރަކު ގުޅައިއިގެން މިތަން މިހުޅުވީ." އޭނާ ބުންޏެވެ.

ސޯޝަލް ސެންޓަރު ގަޑިއަށް ނުހުޅުވުނު ސަބަބު އެޗްޕީއޭ އާ ސުވާލު ކުރުމުންވެސް ހާމަކޮށްފައެއް ނުވެ އެވެ.