ޗައިނާ އާއި ރާއްޖެއާ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުމުގެ ސަބަބުން ރަނގަޅު ނަތީޖާތަކެއް ހާސިލު ކުރެވިފައިވާ ކަމަށް ޗައިނާއިން ބުނެފިއެވެ.
ރާއްޖެއާއި ޗައިނާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރިތާ މި އަހަރު 50 އަހަރު ފުރޭ ރަންޔޫބީލް އަހަރު ކަމަށް ވުމުން ޗައިނާ އެމްބަސީން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ، ދެ ގައުމު ދޭތެރޭގައި ހިނގައިފައިވާ މުއާމަލާތްތަކާއެކު، މި 50 އަހަރު ތެރޭގައި ދޭދޭ ގުޅުން ނުހަނު ރަނގަޅުވެފައިވާ ކަމަށެވެ.
ޗައިނާއިން ބުނީ، ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތީ، އެއް ގައުމު އަނެއް ގައުމަށް އިތުބާރާއި އެއްބާރުލުން ކަމަށެވެ. އެއް ގައުމު އަނެއް ގައުމާ މެދު ހަމަހަމަ އުސޫލުތަކުން މުއާމަލާތް ކޮށް، ފައިދާ ކުރަނިވި ނަތީޖާތަކެއް ހާސިލު ކޮށްފައިވާ ކަމަށެވެ.
ރާއްޖޭ އާއި ޗައިނާގެ ގުޅުމަށް 50 އަހަރުފުރޭ ރަންޔޫބިލް ފާހަގަ ކުރުމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ލީ މިމަހު ހަތް ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާން ވަނީ ހަމަޖައްސައިފައެވެ. ދެ ދުވަހުގެ މުއްދަތައް ކުރައްވާ މި ދަތުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ޗައިނާ ސަރުކާރުން ވަނީ ބުނެފައެވެ.
ވަންގް މި ދަތުރުފުޅު ކުރައްވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ މަހު ޗައިނާއަށް ކުރެއްވި ދަތުރުގައި ދެއްވި ދައުވަތަކާ ގުޅިގެންނެވެ. މި ދަތުރުގައި ޝާހިދުވެސް ބައިވެރިވާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި ދަތުރުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ވަންގް ބައްދަލު ކުރައްވާނެއެވެ.
އެންމެ ފަހުން ވަންގް ރާއްޖެ ވަޑައިގަތީ ނުރަސްމީ ދަތުރެއްގައި 2016 ވަނަ އަހަރުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު