ލާދީނީ ފިކުރަށް ތާއިދުކުރާ ކަމުގެ ތުހުމަތުކުރަނީ އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާ ކުރުވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ނަޝީދު ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރާ ކަމަށް ބުނެ "ރައްޔިތުންގެ އިއްތިހާދު" އިން ވަނީ ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފައެވެ. ރައްޔިތުންގެ އިއްތިހާދުން ރައީސް ނަޝީދާ ދެކޮޅަށް މައްސަލަ ހުށަހަޅައިފައިވަނީ 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ވެސް ކްރިސްމަސްގެ ތަހުނިޔާ ކިޔުމުންނެވެ.
އެކަމާ ގުޅިގެން މިއަދު ރައްޔިތުން މަޖިލީހުގެ ލެޓާ ހެޑުގައި ރައީސް ނަޝީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ފަރާތްތަކުން ދޭ ބަހުގެ ހަމަލާތަކާއި މީޑިއާގެ ރިޕޯޓުތަކުގައި އެމަނިކުފާނަކީ އިސްލާމް ދީނުގެ އަސާސްތަކާ ހިލާފަށް އުޅޭ މީހެއްގެ ގޮތުގައި ތަސައްވުރެއް ކުރަހަން މަސައްކަތް ކުރާތާ މިހާރު އަހަރުތަކެއް ވެފައިވާ ކަމަށެވެ.
ރައީސް ނަޝީދު ވަނީ ސިޔާސީ މަސްރަހުގައި އެފަދަ ބަސްމަގުން އެ މަނިކުފާނަށް ކުޑައިމީސް ބަސް ރައްދުކުރުމަކީ އެފަދަ ތައުހީނަކާ ނުލައި ސިޔާސީ ބަހުސެއް ނުކުރެވޭ ދަރަޖައަށް ގޮސްފައިވާ ކަމެއް ކަމަށް ފާހަގަކުރައްވައިފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ މީހުންގެ ބަސްމަގު ހަރުކަށި ފިކުރުގެ މީހުން ހިތާވާ ރާގަށް އަނބުރަމުން ދާތީ ކަންބޮޑުވާ ކަމަށެވެ.
"އަޅުގަނޑާ ދެކޮޅަށް އެއްލާ އެތިފަހަރުތަކުގެ ބަސްމަގު، ހަރުކަށި ފިކުރުގެ މީހުން ހިތާވާ ރާގަށް އަނބުރަމުން ދާތީ ކަންބޮޑުވާތާ ދުވަސްކޮޅެއް ވެއްޖެ. މިފަދަ ބަސްމަގާއި އުޅޭ ހަރުކަށި ފިކުރުގެ މީހުންނަށް ލަވައިދޭ ބައްސަމަގާ އެއް މަގުން ހިނގާތާ ދުވަސްތަކެއް ވެއްޖެ. އެފަދަ ވާހަކަތައް އިންތިހާއަށް ނުރައްކާތެރި ވެފައި، އޭގެ ހަމައެކަނި މަގުސަދަކީ އަޅުގަނޑުގެ ޖާނަށް ނުރައްކާ ދިނުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ "ރައްޔިތުންގެ އިއްތިހާދުގެ" ފަރާތުން އެފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅަނީ ނަފުރަތު އުފެއްދުމުގެ ބިލު އޮތް ގޮތަށް ފާސްނުކުރުމުން ކަމަށެވެ. އެގޮތުން އެ ބިލުގައި "އިސްލާމީ އަގީދާއާ ގުޅުވައި، މުޖުތަމައުގައި މީހަކާމެދު ނަފުރަތު އުފެއްދުން" އެއީ ކުށެއް ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް މަޖިލީހުން ފާސްކުރިއިރު އެ އިބާރާތް އުނިކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު