އިސްލާމިކް މިނިސްޓްރީގެ ޓްރަސްޓް ފަންޑުތަކުގެ ތެރޭގައި ހިމެނޭ މިސްކިތްތަކަށް އެހީވާ ވަގުފް ފަންޑާއި ދީނީ ކަންކަމަށް އެހީވާ ވަގުފް ފަންޑަށް ނަގުދު ފައިސާ ބަލައިގަންނަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓްރަސްޓް ފަންޑުތަކުގެ ތެރޭގައި ހިމެނޭ މިސްކިތްތަކަށް އެހީވާ ވަގުފް ފަންޑާއި ދީނީ ކަންކަމަށް އެހީވާ ވަގުފް ފަންޑަށް މި އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހާއި ހަމަޔަށް ނަގުދު ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ މިނިސްޓްރީން އެ ގޮތަށް ހަމަޖެއްސީ، މި ފަންޑުތަކަށް ނަގުދު ފައިސާއިން އެހީތެރިވެދޭން ބޭނުންވާ ފަރާތްތަކަށް އެކަން ފަހިކޮށްދިނުމުގެ ގޮތުން ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުން ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 އިން މެންދުރު 12:00 އަށް އެ މިނިސްޓްރީގެ ރިސެޕްޝަނުންނެވެ.

ސަރުކާރުގެ އިދާރާތަކަށް ފައިސާ ދެއްކުމުގައި މިހާރު ބޭނުން ކުރަނީ ބަނޑޭރި ޕޯޓަލް އެވެ. ނަގުދު ފައިސާއިން އެ މިނިސްޓްރީގެ މި ފަންޑުތަކަށް ފައިސާ ބަލައިގަންނަ ގޮތަށް ހަމަޖެހިފައި ވީނަމަވެސް ބަނޑޭރިޕޭއިންވެސް ފައިސާ ޖަމާކުރެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.