އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ލެސްޓާ ސިޓީން ލިވަޕޫލް ބަލިކޮށްފިއެވެ.
ރޭ ލެސްޓާގެ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭގެ ނަތީޖާއާއެކު ލީގު ތާވަލުގެ ދެވަނައިގައި އޮތީ 19 މެޗުން 41 ޕޮއިންޓާ އެކުގައެވެ. މިވަގުތު މެންޗެސްޓާ ސިޓީ އެއްވަނައިގައި އޮތް އިރު، އެޓީމު އެއްވަނައިގައި އޮތީ 19 މެޗުން 47 ޕޮއިންޓާ އެކުއެވެ. ތިން ވަނައިގައި އޮތް ޗެލްސީ އަށް 19 މެޗުން 41 ޕޮއިންޓް ލިބިފައިވާ އިރު، ރޭގެ މެޗުން ގެއްލުވާލި ތިން ޕޮއިންޓަކީ ލިވަޕޫލުން އެއްވަނައަށް ކުރަމުން އަންނަ މަސައްކަތުގައި ލިބުނު ބޮޑު ގެއްލުމެކެވެ.
މެޗުގެ ކުރީކޮޅުގައި ލީޑު ނަގަން ގިނަ ފުރުސަތުތަކެއް ލިބުނީ ލިވަޕޫލަށެވެ. އެޓީމަށް ލިބުނު ފުރުސަތުތަކުގެ ތެރެއިންވެސް އެންމެ ފަހި ފުރުސަތެއް ލިބުނީ މުހައްމަދު ސަލާހަށެވެ. މެޗުގެ 15 ވަނަ މިނެޓުގައި ލިވަޕޫލަށް ލިބުނު ޕެނަލްޓީ ސަލާހު ފޮނުވާލި ނަމަވެސް ލެސްޓާގެ ޑެންމާކު ގޯލްކީޕަރު ކެސްޕާ ޝޫމައިކަލް ވަނީ މަތަކޮށް ބޭރު ކޮށްލައިފައެވެ.
ސަޑިއޯ މާނޭއަށްވެސް ހުސް ދެ ފުރުސަތެއް ލިބި ބޭކާރުވިއެވެ. ފުރަތަމަ ހާފުގައި ލިވަޕޫލުން ގިނަ ފުރުސަތުތަކެއް ނަގާލުމުގެ ހިތި ދެވަނަ ހާފުގައި އެޓީމަށް ފެނުނެވެ. ލެސްޓާއިން ގޯލަށް ހެދި ފުރަތަމަ ޝޮޓުގައި ލީޑު ނެގީ މެޗުގެ 59 ވަނަ މިނެޓުގައެވެ. އަޑެމޯލާ ލުކްމަންގެ ގޯލަކީ، ޑިއުސްބުރީ-ހޯލް ދިން ޕާހަކުން ޖޯލް މަޓިޕް ނައްޓާލައި އޭނާ ޖެހި ގޯލެކެވެ.
ރޭގެ ބައްޔަކީ މި ސީޒަންގައި ލިވަޕޫލަށް ކުރިމަތިލާން ޖެހުނު ދެވަނަ ބައްޔެވެ. ރޭގެ މެޗުން ލެސްޓާ ހޯދި މޮޅަކީ އެންމެފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން އެޓީމު ހޯދި ދެވަނަ މޮޅެވެ.
ރޭ ޕްރިމިއާ ލީގުގައި ކުޅުނު އިތުރު މެޗުތަކަށް ބަލާ އިރު، މެޗުގެ ބޮޑު ބައިގައި 10 ކުޅުންތެރިންނާއެކު ކުޅުނު ސައުތު ހޭމްޓަން ކައިރިން ޓޮޓެންހަމްއަށް މޮޅެއް ނުހޯދުނެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ވެސްޓްހަމްއިން ކުޅުނު މެޗުގައި 4-1 އިން ވޮޓްފޯޑު ބަލިކުރި އިރު، ޕެލެސްއިން ވަނީ 3-0 އިން ނޯވިޗު ބަލިކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު