މާލޭ ސިޓީ އުވާލައި، މާލެ އަތޮޅުގެ ރަށަކަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ނިންމައިފި އެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ބޮންޑޭ ވިދާޅުވީ، މާލެ "ސިޓީ"އެއްގެ ގޮތުގައި އޮންނާތީ މާލޭ ރައްޔިތުންގެ ބައެއް ބޭނުންތަކަށް ހުރަސް އެޅޭ ކަމަށެވެ. އެގޮތުން ގޯތި ދޫކުރުމުގައި ދަތިތަކެއް ހުރި ކަމަށް ވިދާޅުވިއެވެ.

"މާލެ ވަރަށް ކުޑަވެއްޖެ ދެއްތޯ؟ މާލެއަކީ ރަށެއްގެ ސިފަ ގެއްލިފައި އޮތް ތަނެއް. އެހެންވީމާ މާލެ ކުރީގައި ކިޔަނީ ކުޑަމާލެ އެހެންގޮސް ސަރަހައްދުތަކެއް، އެހެން ގޮސް ހެންވޭރު އެއްބޭރު ކިޔާ ސަރަހައްދެއްގައި އޮންނާނެ ބީޗާ އެއްކޮށް. އެއީ އެއިރުގެ މާލެ. މިހާރު އެތައް ޖެނެރޭޝަނެއް ފަހުންވެސް މާލޭގެ ކަންކަން ހައްލު ނުވެގެން މިއުޅެނީ." ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ، މާލޭ ސަރަހައްދުން ތަންތަން ހިއްކި ނަމަވެސް މާލޭ ރައްޔިތުންނަށް ގޯތި ނުލިބޭ ކަމަށާއި އެކަމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. އެކަމަށް ހައްލެއް ލިބޭނީ "ސިޓީ"ގެ ދަރަޖަ މާލެއިން އުނިކޮށް މާލެއަކީ ރަށަކަށް ބަދަލުކޮށްގެން ކަމަށާއި އޭރުން މާލޭގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ތަންތަން ސާފުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

"މާލޭ ރައްޔިތުން ބޭނުންވަނީ ގޯތި. މީގެ ކުރިންވެސް މާލޭގެ ރައްޔިތުންނަށް ބިން ދިނީ ފަޅުން ކަނޑަ ޖަހައިގެން. އެތަން އެމީހަކު އަމިއްލައަށް ހިއްކައިގެން. މިހާރުވެސް ގޯތި ދޫކޮށްފި ނަމަ އެ މީހަކު އަމިއްލައަށް އެތަންތަން ހަނދާނެ. އެހެން ބަަޔަކަށް އެކަމުގެ ބުރަ ބޮޑެއް ނުވާނެ" ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ މާލެ ސިޓީ އުވާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވެސް ހުށަހަޅާނެ ކަމަށާއި މާލެ ސިޓީ އުވާލުމުގެ ބިލް އަންނަ ހަފުތާގެ ތެރޭގައި ރައޔްިތުންގެ މަޖިލީހަށް ހުށަހަޅުއްްވާނެ ކަމަށެވެ. ބޮންޑޭ ހުށަހަޅުއްވާ އެ ބިލަށް ތާއީދު ކުރައްވަނީ މެންބަރު މުއިއްޒު އެވެ.

ބޮންޑޭ އިތުރަށް ވިދާޅުވީ، އެ ބިލު މަޖިލީހަށް ހުށަހަޅަނީ މާލޭގެ ރައްޔިތުންނާއި މަޖިލީހުގެ މެންބަރުންނާވެސް ވާހަކަ ދެއްކުމަށް ފަހު ކަމަށެވެ.