އެމްޓީސީސީގެ ސީއެސްއާރްގެ ދަށުން މިދިޔަ ތިން އަހަރުގެ ތެރޭގައި 300 އަށް ވުރެ ގިނަ މަސައްކަތް ރާއްޖޭގެ އެކި ރަށްރަށުގައި ކޮށްދީފައިވާނެ ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މާފުށީގެ ހިއްކި ބިމާއި ޕިކްނިކް އައިލެންޑް އެރަށުގެ ކައުންސިލާ ހަވާލުކުރުމަށް ޕިކްނިކް އައިލެންޑް ތަރައްގީ ކުރި ވައްމާފުށީގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ، އެމްޓީސީސީން މަސައްކަތް ކުރަނީ ހަވާލު ކުރާ މަސައްކަތް އެންމެ ފުރިހަމައަށް ކުރުމަށް ކަމަށެވެ.
އެމްޓީސީސީގެ މަޝްރޫއުތައް ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްގެންދާއިރު، އެރަށުގެ ރައްޔިތުން އެދޭ އެހެން ކަންކަންވެސް ކޮށްދިނުމަށް ރައީސް އެދިވަޑައިގެންފައިވާ ކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، އެމްޓީސީސީން ރަށަކުން ފައިބާނީ އެރަށުގެ ރައްޔިތުންނަށް ދަތިވާ ކަންކަން ހައްލުކޮށްދީފައި ކަމަށެވެ.
"އަޅުގަނޑަށް ރައީސް އިރުޝާދު ދެއްވާފައިވޭ އަޅުގަނޑުމެން މި ކަންތައްތައް ބޮޑެތިކޮށް ކުރަމުން އަނަނައިރު ރައްޔިތުން ބޭނުންވާ މުހިންމު ކަންކަން ކޮށްދޭން. އެގޮތުން މި ފާއިތުވި ތިން އަހަރުގެ ތެރޭގައި އެކި ރަށްރަށުގައި ރައްޔިތުންނަށް ބޭނުންވާ 300 އަށް ވުރެ މަސައްކަތް އަޅުގަނޑުމެން ވާނީ ކޮށްދީފައި" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، މާފުށިން އެމްޓީސީސީ ފައިބާނީ، އެރަށުގެ ބީޗް އިތުރަށް ބޮޑުކޮށްދީ މަގުތައް އެއްވަރުކޮށްދީފައި ކަމަށެވެ.
އާޒިމް އިތުރަށް ވިދާޅުވީ، އެމްޓީސީސީއާ ހަވާލުކުރެވޭ މަަސައްކަތްތައް އެހާ ފުރިހަމައަށް ނިންމާލެވެނީ އެކުންފުނީގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށެވެ. އެހެން ކަމުން މި ފުރުސަތުގައި ވެސް އެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު