ކ. މާފުށި ޕިކްނިކް އައިލެންޑާއި އެރަށުގެ ފަޅުން ހިއްކި ބިން ކައުންސިލާ ހަވާލުކޮށްފިއެވެ.
ވައްމާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވައްމަފުށްޓާއި މާފުށީ ފަޅުން ހިއްކި ބިން އެރަށުގެ ކައުންސިލާ ހަވާލުކޮށްދެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. މާފުށީ ކައުންސިލްގެ ފަރާތުން އެ ދެ ބިމާ ހަވާލުވެލެއްވީ، ކައުންސިލްގެ ރައީސް ހަސަން ސޮލާހެވެ.
ވައްމާފުށީގައި ޕިކްނިކް އައިލެންޑެއް ގާއިމުކޮށް، މާފުށީގެ ފަޅުން ބިން ހިއްކީ އެމްޓީސީސީއާ ހަވާލުކޮށްގެނެވެ. ވައްމާފުށީ މަޝްރޫއުގެ ދަށުން ދެ ހެކްޓަރުގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކޮށްފައިވެއެވެ. ޕިކްނިކް އައިލެންޑަކީ މަޝްރޫއަކީ 10.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މާފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ މާފުށީ ފަޅުން 25 ހެކްޓަރުގެ ބިން ހިއްކައި 1,100 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާފައެވެ. އެ މަޝްރޫއަކީ 118.07 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޕިކްނިކް އައިލެންޑާއި މާފުށީ ފަޅުން ހިއްކި ބިން މާފުށީ ކައުންސިލަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެ ދެބިމުގެ ބޭނުން ހިފަން ވާނީ މާފުށީގެ ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންނަށް އެންމެ މަންފާ ކުރާ ގޮތަށް ކަމަށެވެ.
ރައީސް ވިދާޅުވީ އެ ދެބިމުގެ ބޭނުން ހިފާއިއިރު، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ކަންކަން ކުރިއަށް ގެންދިއުމުގައި އިސްކަން ދޭން ވާނެ ކަމަށެވެ.
މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހް ވިދާޅުވީ މާފުށިން ގޯތި ދޫނުކުރާތާ 20 އަހަރަށް ވުރެ ގިނަވެފައިވާ ކަމަށާއި އެރަށުގެ ރައްޔިތުން މިއަދު އެންމެ ބޭނުންވަނީ ގޯތި ކަމަށެވެ. އެގޮތުން އަލަށް ހިއްކި 25 ހެކްޓަރުގެ ބިމުން އަންނަ އަހަރު ގޯތި ދޫކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ވައްމާފުށްޓަކީ މާފުށީގެ އިރު އުތުރު ކަންމަތީގައި އޮތް ކުޑަކުޑަ ފަޅުރަށެކެވެ. މާފުށީ ފަޅުގައި އޮތް ގާތްގަނޑަކަށް ދޮޅު ހެކްޓަރުގެ އެ ރަށަކީ މާފުށީ ރައްޔިތުންގެ އިތުރުން މާލެއިންނާއި އެހެން ރަށްރަށުންވެސް ގިނަ އަދަދެއްގެ ރައްޔިތުން ދަތުރުގޮސް އުޅުނު ރަށެކެވެ. އެ ރަށް ގިރާލީ 2004 ވަނަ އަހަރު މުޅި ރާއްޖެ ދޮވެލި ސުނާމީގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު