ދެހާސް އެކާވީސް ވަނަ އަހަރު ނިމި, އާ އަހަރެއް މި ފެށުނީއެވެ. ކޮވިޑުގެ ހިތްދަތި ވަބާގައި ހޭދަކުރި 2020 ވަނަ އަހަރަށްވުރެ ކުޑަ ނަމަވެސް ތަސައްލީއެއް ދީފައެވެ. އެކަމަކު 2021 ވަނަ އަހަރަކީވެސް ހިތްދަތި އަހަރެކެވެ. މުޅި ގައުމު ރޮއްވާލި އަހަރެކެވެ. ކޮވިޑުގެ މަރުތައް މަދުވި ނަމަވެސް, ގައުމަށް އެތައް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅުންތަކެއް އަޅުގަނޑުމެންނާ ވަކިވި އަހަރެކެވެ. ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިންނާއި އެކި ދާއިރާތަކުން އެފަދަ ދެވަނައެއް ނެތް ބޭފުޅުން މި ގައުމަށް ގެއްލުނު އަހަރެކެވެ.
މި ދަންނަވައިލެވުނީ ތަފާތު ތިން ދާއިރާއަކުން ފާހަގަވި ތިން ލެޖެންޑެއްގެ ނަމެވެ. ނަމަވެސް އެބޭފުޅުންނެއް މިއަދު ދުނިޔެއަކު ނެތެވެ.
އެކްޓިންގެ ދާއިރާގައި ދެވަނައެއް ނެތް ޗިޅިޔާ މޫސާ މަނިކު އަވަހާރަވީ ސިއްހީ ހާލަތު ގޯސްވެ, އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަނިކޮށް މިދިޔަ އޮގަސްޓު މަހުގެ 24 ވަނަ ދުވަހުއެވެ.
އޭނާއަށް 1983 ވަނަ އަހަރު ތަމްސީލު ކުޅުމުގެ ރޮނގުން އާންމު ހިދުމަތުގެ އިނާމު ލިބިވަޑައިގެންފައިވާ އިރު، 2009 ވަނަ އަހަރު ފިލްމާއި ތަމްސީލު ކުޅުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމުވެސް ލިބިވަޑައިގެންފައިވެއެެވެ.
ރާއްޖެ ދުށް އެންމެ ހުނަރުވެރި އެއް ލަވަކިޔުންތެރިޔަކީ އަބްދުالله ހަސަން (ހޮޅުދޫ އަބްދުالله) ކަމާމެދު ދެބަހެއް ވެވޭކަށް ނެތެވެ. ގައުމީ ގުރާގެ ނަމުން މަޝްހޫރު ހޮޅުދޫ އަބްދުالله އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އޮންނެވުމަށްފަހު ނޮވެމްބަރު 19 ވަނަ ދުވަހު އައިޖީއެމްއެޗުގައެވެ.
ލަވަ ކިޔުމުގެ ރޮނގުން 1981 ވަނަ އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ހޮޅުދޫ އަބްދުﷲ ކިޔުއްވާފައިވާ ގިނަ ލަވަތަކެއް އަދިވެސް ދިވެހިންގެ ހިތްތަކުން ބިންވަޅު ނެގިފައިވެއެވެ. އަދި އޭނާގެ ދީނީ، ގައުމީ ލަވަ ތަކާއި މަދަހަތައް މި ގައުމު ދެމި އޮތްހައި ދުވަހަކު އަބަދަށް ދެމިގެންދާނޭ ކަމާމެދު ޝައްކެއް ނެތެވެ.
ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ކޮޕީ މުހައްމަދު ރަޝީދު ދިވެހި ގައުމަށް ކޮށްދެއްވި ހިދުމަތުގެ އަގު އަދައެއް ނުކުރެވޭނެއެވެ. ދިވެހިބަހާއި އަދަބިއްޔާތަށް، ހާއްސަކޮށް ޅެންވެރިކަމުގެ ރޮނގުން ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ ކޮޕީ ރަޝީދު އަވަހާރަވީ ސްޓްރޯކެއް ޖެހި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވނަިކޮށް ނޮވެމްބަރު 11 ވަނަ ދުވަހުއެވެ.
އުމުރުން 18 އަހަރުގައި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް ވެދެވަޑައިގެންނެވި ކޮޕީ ރަޝީދު ވަނީ މިދިޔަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަދި 2015 ވަނަ އަހަރު ޅެން ހެދުމުގެ ރޮނގުން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ހާސިލުކުރައްވައިފައެވެ. އަދި އަރަބި ތާނަ ލިޔުމުގެ ރޮނގުން 1988 ވަނަ އަހަރު ރަޝީދަށް ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.
ލޯޖެހި އަހުމަދު މަނިކޭ ބުނުމުން ގިނަ ބަޔަކަށް ނޭނގިދާނެއެވެ. ނަމަވެސް އެއީ ވިޔަފާރިވެރިއެކެވެ. ފިނިބުއިން "ޑޮންޑޮން"ގެ ބާނީއެވެ. އޭނާ އަވަހާރަވީ އިންޑިއާގެ ބެންގަލޯރުގެ މަނިޕާލަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އޭޕްރިލް 20 ވަނަ ދުވަހުއެވެ.
މަޝްހޫރު "ޗޮއިސް" ފިނިބުއިންތައް ތައްޔާރުކުރުމުގެ މަސައްކަތް ފެއްޓެވި ލޯޖެހި އަހުމަދު މަނިކަށް ވަނީ 1997 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރުދިނުމުގެ އިނާމާއި 2009 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމުވެސް ލިބިވަޑައިގެންފައެވެ.
65 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރެއްވި އިބްރާހިމް ރަޝީދު (ކަރަންކާ ރަޝީދު) އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު ޖަނަވަރީ 31 ވަނަ ދުވަހުއެވެ.
ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު, ޖުލައި 26, 2011ގައި އަރުވާފައި ހުންނެވި ރަޝީދަކީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުން، ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯއްދަވައި ދެއްވުމަށް ކުރެވުނު ގައުމީ ޖިހާދުގައި ބޮޑުވަޒީރު ސުމުއްވުލްއަމީރު އަލްމަރްހޫމް އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ އަރިހުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެއް ބޭފުޅެވެ.
އޭގެ އިތުރުން 1962 ވަނަ އަހަރު ވޯރާވިޔަފާރިވެރިންގެ އިގުތިސާދީ އަޅުވެތިކަމުން، ރާއްޖެއަށް އިގުތިސާދީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ނާސިރު ކުރެއްވި ގައުމީ މަސައްކަތްޕުޅުގައިވެސް ކަރަންކާ ރަޝީދުގެ ދައުރު ބޮޑެވެ.
މިދިޔަ އަހަރަކީ ރައްޔިތުންގެ މަޖިލީހަށްވެސް ހިތްދަތި އަހަރެކެވެ. ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު) އަދި މިހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދުގެ ވަކިވުމުންނެވެ.
ގައްދޫ ޒާހިރު އަވަހާރަވީ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު މޭ 17 ވަނަ ދުވަހުއެވެ. އޭނާއަކީ 2009 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި، ގައްދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ބޭފުޅެކެވެ. އެ ދާއިރާގެ މެންބަރުކަން 2014 ވަނަ އަހަރާ ހަމައަށް ކުރެއްވި އިރު, 2005 އިން 2009 އަށް ގދ. އަތޮޅު މެންބަރުކަންވެސް އޭނާ ކުރެއްވިއެވެ. އަދި 2005 އިން 2006 އަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގައިވެސް މަސައްކަތް ކުރެއްވިއެވެ.
މެންބަރު ހުސެއިން ވަނީ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ގިނަ ދުވަސްތަކެއް ފަހުން ހުސްވި ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.
މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިތުރުން 17 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ވަހީދު ވަނީ ހިދުމަތް ކުރައްވައިފައެވެ. އެމްޑީޕީއަށް ނިސްބަތްވެވަޑައިގެންނެވި ހުސެއިން ވަހީދަކީ ޑިމޮކްރަސީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އަދި އެމްޑީޕީގެ އެއް ތަނބެވެ.
ރާއްޖޭގެ އެކައުންޓިން ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ކުރީގެ އޮޑިޓަރު ޖެނެރަލް އިސްމާއިލް ފަތުހީ އަވަހާރަވީ ކޮވިޑް ބައްޔަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މެއި މަހުގެ 23 ވަނަ ދުވަހުއެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1990ގެ ކުރީކޮޅުން ފެށިގެން އެ ވެރިކަން ނިމުމާ ހަމައަށް އޮޑިޓާ ޖެނެރަލްގެ މަގާމު ފުރުއްވި ފަތުހީއަށް ވަނީ 2013 ވަނަ އަހަރު ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ޝަރަފުވެސް އަރުވައިފައެވެ.
ހުރަވީ ރަސްދަރިކޮޅުގެ އަލްއަމީރު މުހައްމަދު ނޫރައްދީނަކީ ރާއްޖޭގެ ރަސްކަމުގެ ދަރިކޮޅުތަކުގެ ތެރެއިން ރަސްކަލެއްގެ ދަރިކަލަކަށް އެންމެ ފަހަށް ހުންނެވި ހަމައެކަނި އަމީރެވެ. އޭނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މެއި 25 ވަނަ ދުވަހުއެވެ.
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން 2011 ވަނަ އަހަރު ސަރުކާރުން އެރުވި ނޫރައްދީނަށް 1989 ވަނަ އަހަރު ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއްގެ ލަގަބުވެސް އަރުވާފައިވެއެވެ. އޭނާ ވަނީ މެދުކެނޑުމެއް ނެތި 53 އަހަރު ސަރުކާރަށް ހިދުމަތް ކުރައްވައިފައެވެ.
2021 ވަނަ އަހަރު ދިވެހިންނާ ވަކިވެގެން ދިޔަ ހިދުމަތްތެރިންގެ ތެރެއިން އެކި ގޮތްގޮތުން ރާއްޖެއަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އުމަރު ޒާހިރު އަވަހާރަވުމަކީ ގައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ.
އުމުރުފުޅުން 85 އަހަރުގައި އުމަރު ޒާހިރު އަވަހާރަވީ ކޮވިޑަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ޑިސެމްބަރު 20 ވަނަ ދުވަހުއެވެ.
އުމަރު ޒާހިރަށް ދައުލަތުގެ މަތީ ޝަރަފު ވަނީ އަރުވައިފަ އެވެ. ދައުލަތަށް 50 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައި، އަދި ދައުލަތުގެ ވަރަށް މަތީ މަގާމުތަކެއް ފުރުއްވާފައި އުމަރު ޒާހިރަށް އެރުވީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބެވެ.