ކޮންމެ ދެއަހަރަކުން އެއް އަހަރަކު ފީފާ ވޯލްޑް ކަޕް ބާއްވަން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ޕޮލެންޑްގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ އާއި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭގެ ކަންބޮޑުވުން ފާޅު ކޮށްފިއެވެ.
ރޭ ޑުބާއީގައި ބޭއްވި ގްލޯބް ސޮކާ އެވޯޑްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެމްބާޕޭ ހޯދި އިރު، ސަޕޯޓަރުންގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދީ ލެވަންޑޯސްކީ އެވެ. އެ ދެކުޅުންތެރިންވެސް އެވޯޑާއެކު ހާއްސަ ޕެނަލެއްގައި ބައިވެރިވެ މީޑިއާއާ ވާހަކަ ދައްކާފައިވެއެވެ. އެ ވާހަކައިގައި ދެ ކުޅުންތެރިންވެސް ވަނީ ފީފާއިން ހުށަހަޅާފައިވާ ބައިނެލިއަލް ވޯލްޑް ކަޕް ޕްރޮޕޯސަލާ މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ.
"ވޯލްޑް ކަޕަކީ ވޯލްޑް ކަޕް. އެ މުބާރާތް ހާއްސަ ވަނީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު މުބާރާތް އޮންނާތީ. އެއީ ދުނިޔޭގެ އެންމެ ޝަރަފުވެރި، އެންމެ ބޮޑު މުބާރާތް. އެ މުބާރާތް ދެ އަހަރުން އެއް އަހަރު ކުޅޭނަމަ އެކަން ވާނީ އާންމު ކަމަކަށް. ވޯލްޑް ކަޕް ކުޅުން އެއީ އާންމު ކަމަކަށް ވެގެން ނުވާނެ،" އެމްބާޕޭ ބުންޏެވެ.
ފީފާއިން ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބާއްވަން ހުށަހެޅީ ފައިދާ ބޮޑު ކުރުމަށެވެ. މިހާރު އޮތް ޕްލޭނާއެކު ހަތަރު އަހަރު ތެރޭ ކުރިއަށްވުރެ އިތުރަށް 3.2 ބިލިއަން ޕައުންޑުގެ އާމްދަނީއެއް ފީފާއަށް ވަންނާނެއެވެ. އެ ޕްރޮޕޯސަލްއަށް ޔޫއެފާގެ ބޮޑެތި ގައުމުތަކުގެ އިތުރުން ދެކުނު އެމެރިކާގެ ފުޓުބޯޅަ އިދާރާއިންވެސް ވަނީ އިންކާރު ކޮށްފައެވެ. އެހެން ނަމަވެސް އެފްރިކާގެ ފެޑަރޭޝަނުން ވަނީ އެ ޕްލޭނަށް ތާއީދު ކޮށްފައެވެ.
"ސީޒަނަކަށް 60 މެޗު ކުޅެން އެބަ ޖެހޭ. ނޭޝަންސް ލީގާއި ވޯލްޑް ކަޕް، އަދި ޔޫރޯވެސް ކުޅެން އެބަ ޖެހޭ. ކުޅުންތެރިންނަށް ރިކަވާ ވާން ވަގުތުވެސް ބޭނުންވާނެ. ކޮލިޓީ މެޗެއް، އެމޯޝަންސް ފެންނަން ބޭނުން ވާނަމަ ކުޅުންތެރިންނަށް ވިސްނަން ޖެހޭ. ވޯލްޑް ކަޕް ކަހަލަ ބޮޑު މުބާރާތަކަށް އަވަސް އަވަހާ ތައްޔާރުވާން އުނދަގޫވާނެ،" އުމުރުން 33 އަހަރުގެ ލެވަންޑޯސްކީ ބުންޏެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު