ކުރީގެ ނާއިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އިން ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަނުކުރަން ނިންމައިފިއެވެ.
އެ ޕާޓީން އެގޮތަށް ނިންމާފައި ވަނީ، ޕާޓިގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާން ހަ ވަރަކަށް ގަޑިއިރަށް ވެފައި ވަނިކޮށެވެ.
އެމްޓީޑީގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެޕާޓީން ފުރުސަތު ހުޅުވައިލީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ފުރުސަތު ބަންދުވާނީ މިއަދު ހަވީރު 5:00 އަށެވެ.
ނަމަވެސް އެމްޓީޑީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މިވަގުތު އިންތިހާބެއްގައި ބައިވެރިވުމަށް ނުފެންނަ ކަމަށް މިއަދު ބޭއްވި އެޕާޓީގެ ކައުންސިލު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް އެޕާޓީން ހުޅުވާލުމުން ކުރިމަތިލި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް ބުންޏެވެ.
ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ގޮނޑި ފުރުއްވަމުން ގެންދެވި ހުސެއިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. ކޮމަންޑޫ ދާއިރާގެ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގައި ފަސް ވަނަ ދުވަހުއެވެ.
އެ ދާއިރާގެ ގޮޑިއަށް ވާދަކުރުމަށް އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްގެ އިތުރުން މޯލްޑިވަސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން މިހާރު ވަނީ މެންބަރުން ކަނޑައަޅައިފައެވެ.
އެ ގޮނޑިއަށް އެމްޑީޕީން ވާދަކުރާނީ ށ. ފޯކައިދޫ، މުހައްމަދު ރާޝިދެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކަށް، ހަމަޖެހިފައި ވަނީ ރައީސް ޔާމީންގެ ދައުރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި، މޫސާ ފަތުހީއެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރާނީ ކޮމަންޑޫއަށް އުފަން އަބްދުލް ހަންނާން އިދުރީސްއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު