މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ހުކުމް އިއްވުން، އެއާއިލާގެ އެދުމުގެ މަތިން ފަސްކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، މި މަހުގެ ތެރޭގައި އެ މައްސަލައިގެ ހުކުމް އިއްވަން ކުރިން ހަމަޖެހިފައި އޮތް ނަމަވެސް އެ މައްސަލައިގެ ހުކުމް އިއްވުން މިހާރު ފަސް ކޮށްފައިވާ ކަމަށެވެ.
އުމުރުން 29 އަހަރުގެ ޔާމީން ރަޝީދު 23 އޭޕްރިލް 2017 ވަނަ ދުވަހުގެ ރޭ ދަންވަރު މަރާލީ، އޭނާ ދިރިއުޅުނު އިމާރާތް މ. ސްޕެޓީއުލާ ގޭ ސިޑި ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީ ގެންނެވެ. އެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ހަ މީހެއްގެ މައްޗަށް ދައުލަތުން ވަނީ އުފުލައިފައެވެ.
އޭގެ ތެރޭގައި ހިމެނެނީ ހ. އަންނާރުމާގޭ/ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ/ އަހުމަދު ޒިހާން އިސްމާއީލާއި ގދ. ގައްދޫ/ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ/ ހަސަން ޝިފާޒާއި މ. ތާއިފް/ އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ/ އީސްޓް، ހުސައިން ޒިޔާދެވެ.
އެ މައްސަލައިގައި އަޑުއެހުމެއް އެެންމެ ފަހުން ބޭއްވީ މިދިޔަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
އެ އަޑުއެހުމުގައި ދެ ފަރާތުގެ ހުލާސާ ބަޔާން އިއްވައި މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލައިފައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ގާޒީ އާދަމް މުހައްމަދު ވިދާޅުވީ, 30 ދުވަސް ތެރޭގައި މައްސަލައިގައި ހުކުމް ކުރައްވާނެ ކަމަށެވެ.
ގާނޫނު ބުނާ ގޮތުން ހުލާސާ ބަޔާން އިއްވާތާ 30 ދުވަހުގެ ތެރޭގައި މައްސަލައިގެ ހުކުމް އިއްވަންޖެހެއެވެ.
އެގޮތުގެ މަތިން އެ މައްސަލައިގެ ހުކުމް އިއްވުން މިމަސް ތެރޭގައި ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް އެ ކަމަށްޓަކައި ބާއްވާ އަޑުއެހުން ލަސްކުރީ އާއިލީ މީހެއްގެ ބަލި ހާލަތު ހުރިގޮތުން އަޑުއެހުމުގައި ބައިވެރިވެވެން ނެތުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު