ކޮވިޑް ވެކްސިން ފުރިހަމަވެފައިނުވާ ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށްފަހު 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރަން ޖެހޭނެ ގޮތަށް ހަދައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި އިއުލާނެއްގައި ބުނީ ދުނިޔޭގެ ބައެއް ގައުމުތަކުން ފެނިފައިވާ 'އޮމިކްރޯން" ވޭރިއެންޓާ ގުޅިގެން އާންމު ރައްޔިތުންގެ ސިއްހަތާއި ރާއްކާތެރިކަމަށްޓަކައި މާދަމާއިން ފެށިގެން ރާއްޖެ އަންނަ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަވެފައިނުވާ މީހުން 14 ދުވަހަށް ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ. ނަމަވެސް 12 އަހަރުން ދަށުގެ ކުދިން ކަރަންޓީނުވާން ނުޖެހޭނެކަމަށް އެޗްޕީއޭއިން ބުންޏެވެ.
ކަރަންޓީނުކުރާ މީހުން ކަރަންޓީނުން ދޫކުރާނީ ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގްޓިވްވުމުން ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
ވެކްސިން ފުރިހަމަކޮށްފައިވާ މީހުނަށްވެސް ކަރަންޓީންނުވެ ރާއްޖެ އެތެރެވެވޭނީ 96 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮތުމުންނެވެ. އެޗްޕީއޭއިން ބުނީ އެއް އަހަރުގެ ދަށުން ކުދިން ރާއްޖެ އަންނަން އިރު ޕީސީއާރު ނެގެޓިވް ޓެސްޓެއް ބޭނުން ނުވާނެ ކަމަށެވެ.
ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ހުރިހާ ފަރާތްތަކުން ރާއްޖެ އެތެރެވުމަށްފަހު، ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު އެޗްޕީއޭއިން ވަނީ "އޮމިކްރޮން" ވޭރިއެންޓާ ގުޅިގެން ދެކުނު އެފްރިކާގެ ހަތް ގައުމަކުން ރާއްޖެއަށް މީހުން އައުން ވަގުތީ ގޮތުން މަނާކޮށްފައެވެ. ނަމަވެސް އެޗްޕީއޭއިން މިރޭ ވަނީ އެ ފިޔަވަޅުތައް ބާތިލުކޮށްފައެވެ.
ރާއްޖޭން އޮމިކްރޯން ވޭރިއަންޓް ފުރަތަމަ ކޭސް ފެނިފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ. އެ ކޭސް ފެނުނީ ދެކުނު އެފްރިކާއިން ރާއްޖެ އައި ފަތުރުވެރިއްގެ ގައިންނެވެ. އޭގެ ފަހުން އިތުރު ހަތަރުކޭސް ވަނީ ފެނިފައެވެ. އެ ހަތަރު މީހުންނަކީވެސް ސައުތު އެފްރިކާއަށް ދަތުރުކުރުމުގެ ހިސްޓްރީއެއް އޮތް ބައެކެވެ.
ޚަބަރު
ޚަބަރު