ދިވެހިން ހިމެނޭހެން ރާއްޖެއިން ބޭރުން އަންނަ އެންމެން ކޮވިޑަށް ޓެސްޓް ކުރަން ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނެރުނު އިއުލާނެއްގައި ބުނީ ދުނިޔޭގެ ބައެއް ގައުމުތަކުން ފެނިފައިވާ 'އޮމިކްރޯން" ވޭރިއެންޓާ ގުޅިގެން އާންމު ރައްޔިތުންގެ ސިއްހަތާއި ރާއްކާތެރިކަމަށްޓަކައި މާދަމާއިން ފެށިގެން ރާއްޖެއިން ބޭރުން އަންނަ ހުރިހާ ފަރާތްތައް 96 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހޭނެ ކަމަށެވެ.

ނަމަވެސް އެއް އަހަރުން ދަށުގެ ތުއްތު ކުދިން ޕީސީއާރު ޓެސްޓު ހަދަން ނުޖެހޭނެއެވެ. އަދި ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ހުރިހާ ފަރާތްތަކުން ރާއްޖެ އެތެރެވުމަށްފަހު ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

މީގެ އިތުރުން ކޮވިޑް ވެކްސިން ފުރިހަމަނުކުރާ ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށްފަހު 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެއެވެ. ނަމަވެސް 12 އަހަރުން ދަށުގެ ކުދިން ކަރަންޓީނުވާން ނުޖެހޭނެއެވެ.

އެޗްޕީއޭއިން ބުނީ ކަރަންޓީނު ކުރާ ފަރާތްތައް ކަރަންޓީނުން ދޫކޮށްލާނީ 14 ދުވަސް ހަމަވުމުން ކޮވިޑަށް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު އެޗްޕީއޭއިން ވަނީ "އޮމިކްރޮން" ވޭރިއެންޓާ ގުޅިގެން ދެކުނު އެފްރިކާގެ ހަތް ގައުމަކުން ރާއްޖެއަށް މީހުން އައުން ވަގުތީ ގޮތުން މަނާކޮށްފައެވެ. ނަމަވެސް އެޗްޕީއޭއިން މިރޭ ވަނީ އެ ފިޔަވަޅުތައް ބާތިލުކޮށްފައެވެ.

ރާއްޖޭން އޮމިކްރޯން ވޭރިއަންޓް ފުރަތަމަ ކޭސް ފެނިފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ. އެ ކޭސް ފެނުނީ ދެކުނު އެފްރިކާއިން ރާއްޖެ އައި ފަތުރުވެރިއްގެ ގައިންނެވެ. އޭގެ ފަހުން އިތުރު ހަތަރުކޭސް ވަނީ ފެނިފައެވެ. އެ ހަތަރު މީހުންނަކީވެސް ސައުތު އެފްރިކާއަށް ދަތުރުކުރުމުގެ ހިސްޓްރީއެއް އޮތް ބައެކެވެ.