އޮޑިޓާ ޖެނެރަލް އޮފީހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޕާފޯމެންސް އޮޑިޓް ހެދީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާ ގޮތް ނޭނގި ތިބެ ކަމަށް ބުނެ އޭސީސީން ރައްދުދީފިއެވެ.

އޭސީސީގެ ޕާފޯމަންސް އޮޑިޓެއް ހެދީ ކޮމިޝަނުގެ ތަހުގީގު ލަސްކަމުގެ ކަންބޮޑުވުންތަކާ އެކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އޭޖީ އޮފީހުގައި އެދިގެންނެވެ. އެ އޮޑިޓުގައި ބަލާފައި ވަނީ 1 ޖެނުއަރީ 2015 އިން 31 ޖުލައި 2020 އަށް އޭސީސީން ކޮށްފައިވާ މަސައްކަތްތަކަށެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ކޮމިޝަނުގެ ބައެއް ކަންކަމާއި މަސައްކަތްތައް ހަރުދަނާ ކުރަން އަޅާފައިވާ ފިޔަވަޅުތަކަށް ބަލާފައިވެއެވެ.

މި އޮޑިޓާ ގުޅިގެން އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޮޑިޓު ރިޕޯޓުގައި އޮޑިޓުގެ ސްކޯޕު، އޭސީސީއާ ހިއްސާކޮށްފައިވާ ކަމަށް ބުނެފައިވީ ނަމަވެސް އޮޑިޓު ފެށުމަށް ކޮމިޝަނާ އެކު ބޭއްވި ބައްދަލުވުމުގައި އޮޑިޓުގެ ސްކޯޕަކީ 2015 އިން ފެށިގެން 2019 ގެ ނިޔަލަށް ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އޮޑިޓުގެ ސްކޯޕް ބަދަލުކޮށް، 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ސްކޯޕު ފުޅާކޮށްފައިވަނީ އޭސީސީއާ މަޝްވަރާކޮށް އެއްބަސްވިގޮތާ ހިލާފަށް ކަމަށްވެސް ބުންޏެވެ.

އޮޑިޓްގައި ބެލި ހަތަރު އަހަރާއި އަށް މަސް ދުވަހަކީ އޭސީސީގައި މިހާރު ތިބި މެމްބަރުން މަގާމުގައި ތިބި މުއްދަތެއް ނޫން ކަމަށެވެ. އަދި 31 ޖުލައި 2020 އާ ހަމައަށް މިދައުރުގެ މެމްބަރުކަމުގެ މުއްދަތުން ހިނގާފައި ވަނީ 10 މަސް ދުވަސްކަން ވެސް އޭސީސީން ފާހަގަކުރިއެވެ.

އޭސީސީން ބުނީ ޖިނާއީ ތަހުގީގުގެ ވައްޓަފާޅި އާއި މިންގަނޑުތަކާއި ކަން ހިނގާ ގޮތާ މެދު އޭޖީ އޮފީސް ރަނގަޅަށް ހޭލުންތެރި ނޫން ކަމަށެވެ. އަދި އޭސީސީން މައްސަލައެއް ތަހުގީގުކުރުމަށް 11 މަސް ނަގާ ކަމަށާއި ބަލައި ނިންމާ މައްސަލަތަކުގެ ތެރެއިން ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވެނީ އެއް ޕަސަންޓް މައްސަލަކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެއީ ޕްރިލިމިނަރީ އިވެލުއޭޝަން މަރުހަލާ ހަރުދަނާ ނުވުމުން ދިމާވާ ކަމެއް ކަމަށް ދޭހަވާގޮތަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

އޭސީސީން ބުނީ ކޮމިޝަނަށް ހުށަހަޅާ ޝަކުވާތައް ވަޒަންކުރުމަށް ފަހު ތަހުގީގުކުރަން ނިންމާ މައްސަލަތަކުގެ ތަހުގީގު ނިންމާއިރު ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށް ނިންމާފައިވުމަކީ ޕްރިލިމިނަރީ އިވެލުއޭޝަން މަރުހަލާ ހަރުދަނާ ނުވެގެން ހިނގާ ކަމެއް ނޫން ކަމަށެވެ.

"ޕްރިލިމިނަރީ އިވެލުއޭޝަން މަރުހަލާގައި ޝަކުވާ ވަޒަންކުރާއިރު ބަލާނީ ހުށަހަޅާ ޝަކުވާއަކީ ކޮމިޝަނުގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ޝަކުވާއެއްތޯ އާއި ތުހުމަތަށް ބާރުލިބޭ ޝަކުވާއެއްތޯ އާއި ޝަކުވާއާ ގުޅޭގޮތުން އިތުރަށް ތަހުގީގުކުރަންޖެހޭ ކަމެއް އޮތްތޯ. އަދި އެކަށީގެންވާ ތުހުމަތެއް އޮތްނަމަ އެފަދަ ކޮންމެ ޝަކުވާއެއް އިތުރަށް ތަހުގީގުކުރުމަށް ނިންމާ. ހެކި ހޯދުމާއި މީހުންނާ ސުވާލުކުރުން ފަދަ މަރުހަލާތައް ކުރިއަށްގެންދާނީ ތަހުގީގު މަރުހަލާގަ،" އޭސީސީން ބުންޏެވެ.

ޖިނާއީ މައްސަލަތައް ތަހުގީގުކުރާ ފަރާތްތަކަކީ އެ ފަރާތްތަކުގެ ކުރިމައްޗަށް ހުށަހެޅިފައިވާ މައްސަލާގައި ހިމެނޭ ކުށް ހަގީގަތުގައި ވެސް ހިނގާފައިވޭތޯ އާއި އެކަމުގެ ޒިންމާވާން ޖެހޭ ފަރާތްތަކަކީ ކޮބައިތޯ ދެނެގަނެ، ކަމުގެ ހަގީގަތް ހޯދުމަށް މަސައްކަތްކުރާ ބައެއް ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ކުރާ ފަރާތްތަކަކީ އެ މައްސަލައާ މެދު ދުރާލާ ވަކި އަތަކަށް ޖެހި، މައްސަލައިގައި ނުކުންނާނީ ވަކި ނަތީޖާއެއް ކަމަށް ނިންމައިގެން މަސައްކަތް ކުރެވޭނެ މީހުން ނޫން ކަމަށްވެސް އޭސީސީން ބުންޏެވެ.

"ވީމާ ވަޒަންކުރެވޭ ޝަކުވާތަކުގެ ތެރެއިން އިތުރަށް ތަހުގީގުކުރަން ނިންމާފައިވާ މައްސަލައެއްގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައިވާ ކަމަށް ޖިނާއީ މިންގަނޑަކުން ސާބިތުކުރެވޭ މިންވަރަށް ހެކި ނެތް ނަމަ އެ މައްސަލައެއްގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް ނިންމާ ނިންމުމުގެ މައްޗަށް ބިނާކޮށް، އެ މައްސަލައެއްގައި ކޮމިޝަނުން ކޮށްފައިވާ މަސައްކަތަކީ ބޭކާރު މަސައްކަތެއްކަން ދޭހަވާ ގޮތަށް ބުނެދިނުމަކީ ޖިނާއީ ތަހުގީގުގެ ވައްޓަފާޅި އާއި ތަހުގީގުގެ މިންގަނޑުތަކާއި ކަން ހިނގާ ގޮތާ މެދު ރަނގަޅަށް ހޭލުންތެރި ނުވެ ބުނެފައިވާ ބުނުމެއް،" އޭސީސީން ބުންޏެވެ.

ތަހުގީގުކުރާ އިދާރާއެއްގެ ޕާފޯމަންސް ވަޒަންކުރާ ހަމައެކަނި މިންގަނޑު ބިނާވަނީ ތަހުގީގުކުރާ މައްސަލަތައް ޕީޖީ އޮފީހަށް ފޮނުވުމާ މައްޗަށް ކަމަށް ދެކުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށްވެސް އޭސީސީން ބުންޏެވެ.