ޚަބަރު

އުމަރު ޒާހިރުގެ ތައުޒިޔާގެ ދަފުތަރު މާދަމާ ހުޅުވަނީ

އައިޝަތު ނިއުޝާ

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ (ނއއވ) އުމަރު ޒާހިރުގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރު ހުޅުވުމަށް ނިންމައިފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ އުމަރު ޒާހިރުގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރު ހުޅުވަން އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. މި ދަފުތަރު ހުޅުވާލުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. ދަފުތަރު ހުޅުވާފައި ހުންނާނީ ނެޝަނަލް އާޓް ގެލަރީގައެވެ.

ދަފުތަރުގައި ސޮއިކުރުމުގެ ފުރުސަތު ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ. ހޯމަ ދުވަހު ހަވީރު 3:00 އިން 5:00 އަށް، އަންގާރަ ދުވަހު 09:00 އިން 12:00 އަށް އަދި 1:00 އަށް 5:00 އަށެވެ. ބުދަ ދުވަހު 09:00 އިން 12:00 އަށް އަދި 1:00 އަށް 5:00 އަށް ހުޅުވާފައި ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އުމަރު ޒާހިރު އެންމެ ފަހުން ހިންގެވި ވުޒާރާއަކީ ހޯމް މިނިސްޓްރީއެވެ. އެއީ 1 ސެޕްޓެމްބަރު 2004 އިން ފެށިގެން 14 ޖުލައި 2005 ގެ ނިޔަލަށެވެ. އޭގެ 11 ނޮވެމްބަރު 1983 ވަނަ އަހަރުން ފެށިގެން 11 ނޮވެމްބަރު 1988 ވަނަ އަހަރުގެ ނިޔަލަށް އުމަރު ޒާހިރު ވަނީ ހޯމް އެފެއާޒް އެންޑް ސޯޝަލް ސާވިސް މިނިސްޓަރުގެ މަގާމާއި 11 ނޮވެމްބަރު 1988 އިން 1993 އަށް ހޯމްއެފެއާޒް އެންޑް ސްޕޯޓްސް މިނިސްޓަރުގެ މަގާމު ފުރުއްވައިފައެވެ.

އެމަނިކުފާނުގެ މިނިސްޓަރުގައި 2004 ވަނަ އަހަރު ދިވެހި ފުލުހުންނަކީ މަދަނީ ބައެއްގެ ގޮތުގައި ހަމަޖެއްސުމާއި ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ދެއްވުން ފާހަގަކޮށްލެވެއެވެ.

އުމަރު ޒާހިރު ވަނީ ދާހިލީ ވަޒީރުކަމުގެ އިތުރުން ސަރުކާރުގެ ބައެއް މުހިންމު މަގާމުތައް ފުރުއްވައިފައެވެ. އެގޮތުން މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސްގެ މަގާމާއި މާލޭ މުނިސިޕަލްޓީގެ ރައީސްކަމާއި އައްޑު އަތޮޅު ގަމުގެ ލިއެޒަން އޮފީހުގެ ވަޒީފާ އާއި މަޖީދިއްޔާ ސްކޫލްގެ ހެޑްމާސްޓަރުކަމާއި ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާގެ މަގާމުގެ އިތުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނާއިބުކަން އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ނާއިބުކަން ހިމެނެއެވެ.

އުމަރު ޖާޒިރު އަވަހާރަވީ ކޮވިޑަށް ފަރުވާ ހޯދައްވަމުން ގެންދަވަނިކޮށް މިދިޔަ ހޯމަ ދުވަހުއެވެ.