އިލެކްޝަންސް ކޮމިޝަންގެ ބޭނުމެއް ނެތް ކަމަށް ބުނެ ތާލިބާނުން އަފްގާނިސްތާނުގެ އިލެކްޝަން ކޮމިޝަންސް އުވާލައިފިއެވެ.
އަފްގާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ ތާލިބާން ޖަމާއަތުގެ ތަރުޖަމާނު ބިލާލް ކަރީމީ އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެފަދަ ކޮމިޝަނެއްގެ ބޭނުން ޖެހިއްޖެ ހިނދެއްގައި އިސްލާމީ ހަލީފާވެރިކަމުން އެކަން ހަމަޖައްސާނެ ކަމަށެވެ.
އަފްގާނިސްތާނުގައި އިންސާފުވެރި އިންތިހާބުތަކެއް ބެލެހެއްޓުމަސް އިންޑެޕެންޑެންޓް އިލެކްޝަން ކޮމިޝަންސް (އައިއީސީ)ގެ ނަމުގައި ކޮމިޝަނެއް އުފެއްދީ 2006 ވަނަ އަހަރެވެ.
އެ ކޮމިޝަންގެ ޕެނަލް ބަލަހައްޓަވަމުން ގެންދެވި އައުރެންޒެބް އޭއެފްޕީއާ ވާހަކަދައްކަވަމުން ވިދާޅުވެފައި ވަނީ ތާލިބާނުން ނިންމި ނިންމުމަކީ އަވަސް ނިންމުމެއް ކަމަށާއި އޭގެ ސަބަބުން ބޮޑެތި މައްސަލަތައް ކުރިއަށް އޮތް ތަނުގައި ނުކުންނާނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެފަދަ ކޮމިޝަންތައް އުވާލައިގެން އަފްގާނިސްތާނުގެ މައްސަލަތަކަށް ހައްލެއް ހޯދައިދެވޭނެ ގޮތެއް ނޯންނާނެއެވެ.
އެ ނިންމުން ކުށްވެރިކޮށް ކުރީ ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ ހާލިމް ފިދާއީ ވިދާޅުވީ، ތާލިބާންގެ އެ ނިންމުމަކީ އެ ޖަމާއަތުން ޑިމޮކްރަސީ ގަބޫލުނުކުރާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި ތާލިބާނުން ވެރިކަމަށް އަންނަނީ ވޯޓުގެ ބަދަލުގައި ބަޑީގެ ބާރުން ކަމަށް ވިދާޅުވިއެވެ.
އަފްގާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އައުމުގެ ކުރިންވެސް އެގައުމުގެ އިލެކްޓޯރަލް ކޮމިޝަންގެ އެތަކެއް އޮފިޝަލުންނެއް ވަނީ މަރާލައިފައެވެ.
މިއަހަރުގެ އޯގަސްޓު މަހުން ފެށިގެން އަފްގާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ ތާލިބާން ޖަމާއަތުން ވަނީ ކުރީ ސަރުކާރުން އުފައްދާފައިވާ އިތުރު ދެ ވުޒާރާއެއްވެސް އުވާލައިފައެވެ. އޭގެ ތެރޭގައި މިނިސްޓްރީ އޮފް ޕީސް އަދި މިނިސްޓްރީ އޮފް ޕާލަމެންޓް އެފެއާޒް ހިމެނެއެވެ.
ތާލިބާނުގެ ވެރިކަމުގައި މީގެ ކުރިން މިނިސްޓްރީ އޮފް ވިމެންސް އެފެއާޒްވެސް އުވާލާފައިވާ އިރު، އޭގެ ބަދަލުގައި މިނިސްޓްރީ އޮފް ވާޗިއު އެންޑް ޕްރިވެންޝަން އޮފް ވައިސް ކިޔާ ވުޒާރާއެއް ވަނީ އެކުލަވާލައިފައެވެ. އެއީ މީގެ ކުރިން 1990 ވަނަ އަހަރުވެސް ތާލިބާނުންގެ ވެރިކަމުގައި ހަރުކަށި ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަގުސަދުގައި އެކުލަވާލި ވުޒާރާއެއް ކަމަށް ހަބަރުތައް ބުނެއެވެ.