ކުރީގެ ނާއިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ)ގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ.

އެމްޓީޑީން މިއަދު ނެރުނު ބަޔާނެއްްގައި ބުނެފައި ވަނީ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެކަމަށް އެދޭ ފަރާތްތަކުން އަންނަ ހޯމަ ދުވަހު ހަވީރު 5:00 ކުރިން އެޕާޓީގެ އީމެއިލް [email protected] އަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.

ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ގޮނޑި ފުރުއްވަމުން ގެންދެވި ހުސެއިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ. ކޮމަންޑޫ ދާއިރާގެ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގައި ފަސް ވަނަ ދުވަހުއެވެ.

އެ ދާއިރާގެ ގޮޑިއަށް ވާދަކުރުމަށް އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްގެ އިތުރުން މޯލްޑިވަސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން މިހާރު ވަނީ މެންބަރުން ކަނޑައަޅައިފައެވެ.

އެ ގޮނޑިއަށް އެމްޑީޕީން ވާދަކުރާނީ ށ. ފޯކައިދޫ، މުހައްމަދު ރާޝިދެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކަށް، ހަމަޖެހިފައި ވަނީ ރައީސް ޔާމީންގެ ދައުރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި، މޫސާ ފަތުހީއެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރާނީ ކޮމަންޑޫއަށް އުފަން އަބްދުލް ހަންނާން އިދުރީސްއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވައި ބައި އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އިލެކްޝަން ކޮމިޝަނުން އާންމުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، އަންނަ ޖެނުއަރީ މަހުގެ ދެވަަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.