އެކިއެކި ނުފޫޒުތަކާއި ޖަޒުބާތުތަކުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާއި ކްލަބުތަކުންވެސް އެއްކިބާވެ، ނޫސްތަކުން ކިޔާ ފާޑުކިޔުންތައް ޒިންމާދާރު ގޮތެއްގައި ބަލައިގަންނަން މޯލްޑިވްސް އެޑިޓާސް ގިލްޑުން ގޮވާލައިފިއެވެ.
ފުޓްބޯޅަ ހަބަރުތަކާއި ގުޅުން ހުރި އެހެން ރިޕޯޓުތައް ގެނެސްދޭ ގޮތާމެދު ހިތްހަމަ ނުޖެހޭ ކަމަށް ބުނެ، ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ހަތް ކްލަބަކުން ދުވަހު ނޫސް "މިހާރު" ބޮއިކޮޓް ކުރި މައްސަލައިގައި ރާއްޖޭގެ އެޑިޓަރުންގެ ޖަމިއްޔާ، އެޑިޓާސް ގިލްޑުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ފުޓްބޯޅަޔަސް އަދި ކްލަބްތަކުގެ ވާހަކަ ކަމަށް ވިޔަސް، ނޫނީ އެފްއޭއެމުން ހިންގާ އެކިއެކި ކަންތައްތައް ކަމަށް ވިޔަސް ނޫސްތަކުން ފަތުރާ ހަބަރުތަކާއި ކިޔާ ފާޑުކިޔުންތަކަކީ ޒިންމާދާރުކަމާއެކު ކިޔާ ފާޑުކިޔުންތަކެއް ކަމަށެވެ.
"ފުޓްބޯޅަޔަސް އަދި ކްލަބްތަކުގެ ވާހަކަ ކަމަށް ވިޔަސް، ނޫނީ އެފްއޭއެމުން ހިންގާ އެކިއެކި ކަންތައްތައް ކަމަށް ވިޔަސް ނޫސްތަކުން ފަތުރާ ހަބަރުތަކާއި ކިޔާ ފާޑުކިޔުންތަކަކީ ޒިންމާދާރުކަމާއެކު ކިޔާ ފާޑުކިޔުންތަކެކެވެ. ބުނެވި ދިޔަ މައުޟޫގައި ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރާ ކްލަބްތަކުގެ ޕްރީ މެޗް ޕްރެސް ކޮންފަރެންސްތަކުގައި ދުވަހު ނޫސް "މިހާރު" ބައިވެރިވާތީ މިހާރު ނޫސް ބަދުނާމުކޮށް ހަތް ކްލަބަކުން އެ މީޑިއާ ބޮއިކޮޓް ކުރުމަކީ ޒިންމާދާރު ގޮތެއް ނޫނެވެ. އަދި އެކަން އެހެން ކުރުމަކުން، ފުޓުބޯޅައިގެ އެކިއެކި ހަބަރުތަކާއި އެފްއޭއެމުން ކުރާ ކަންކަން ގެނެސްދިނުން ހުއްޓިގެނެއްވެސް ނުދާނެއެވެ." އެޑިޓާސް ގިލްޑުން ބުނެފައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ފުޓްބޯޅައަކީ އެކުޅިވަރު ކުޅޭ ކުލަބު ތަކާއި އެކުޅިވަރަށް ލޯބިކުރާ، އަދި އެކުޅިވަރުގެ އެންމެ މުހިންމު އެއްބައި ކަމަށްވާ ސަޕޯޓަރުންގެ މަސްލަހަތު ވެސް ހިމެނޭ ކުޅިވަރެއް ކަމަށާއި، އެކަމުގައި އިސްލާހުކުރާން ޖެހޭ ކަންތައްތަކެއް ހުރި ނަމަ، އެކަންކަން ފާހަގަކޮށް ފާޑުކިޔުމަކީ އެ ކުޅިވަރުގެ ކުރިމަގަށްޓަކައި ބޭނުންތެރި އަދި މީޑިއާގެ ފުރިހަމަ ޒިންމާ އަދާކުރުމުގެ ތެރެއިން ކުރާން ޖެހޭ ކެމެއް ކަމަށެވެ.
އޭގެ އިތުރުން އެފަދަ ފާޑުކިޔުން ތަކަކީ ބައިނަލް އަގުވާމީ މުޖުތަމައު ބަލައިގެންފައިވާ، ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމުގެ އެންމެ މުހިންމު އަސާސްތަކުގެ ތެރޭގައި ހިމެނޭ ބައެއްކަންވެސް އެޑިޓާސް ގިލްޑުން ވަނީ ފާހަގަ ކޮށްފައެވެ. އެޖަމިއްޔާއިން ބުނެފައި ވަނީ އެފަދަ ގޮތަކަށް ކުލަބުތަކުން އިސްވެ، "މިހާރު" ނޫސް ބޮއިކޮޓް ކުރުމުގެ އަމަލަކީ، ތަހުޒީބު އަމަލެއް ނޫން ކަމަށެވެ. އެއަމަލުން ދެވެނީ ވަރަށް ނެގެޓިވް މެސެޖެއް ކަމަށާއި އެއީ ކުޅިވަރަށް އިތުރު ބަނަކަން ގެނުވައިފާނެ ވިސްނުމެއް ކަމަށްވެސް އެޑިޓާސް ގިލްޑުން ދެކޭ ކަމަށް ޖަމިއްޔާއިން ބުނެފައިވެއެވެ.
"މިހާރު" ނޫހުން ޕްރެސްގައި ބައިވެރިވާނަމަ މީޑިއާއަށް މައުލޫމާތު ނުދޭނެ ކަމަށް ބުނެ ހަތް ކްލަބަކުން އެ ނޫސް ބޮއިކޮޓް ކުރި ކަމަށް ބުނީ "މިހާރު"ގައި ފުޓުބޯޅައިގެ ރޫހާ ހިލާފު ވާހަކަތައް ލިޔަމުންދާ ކަމަށް ބުނެއެވެ. ކްލަބުތަކުން ބުނީ އެ ނޫހުގައި ބައެއް ފަހަރު ނުބުނާ ވާހަކަވެސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ނޫހުން ވަނީ އެ ވާހަކަތައް ދޮގު ކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު