ޚަބަރު

ޖެނުއަރީން ފެށިގެން ހަތަރު ފުރޮޅުލީ އުޅަނދުތައް ދުއްވާއިރު ސީޓްބެލްޓް އެޅުން މަޖުބޫރުކޮށްފި

މުހައްމަދު އިޝާން

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަކި ހާލަތްތަކެއްގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ދުއްވާއިރު، ސީޓް ބެލްޓް އެޅުން މަޖުބޫރުކޮށްފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މިރޭ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވާއިދުގައިވާ ގޮތަށް، 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވާ މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ދުއްވާއިރު ޑްރައިވަރުގެ އިތުރުން އުޅަނދުގެ ކުރީ ސީޓުގައި އިންނަ ފަރާތް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސީޓްބެލްޓް އަޅަން ޖެހޭނެ ކަމަށެވެ. އަދި ގަވާއިދުގައިވާ ގޮތަށް ހުރިހާ ފަރާތަކުންވެސް އަމަލުކުރުމަށްވެސް ވަނީ ދަންނަވައިފައެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވާއިދުގައިވާ ގޮތުން އެއްގަމު އުޅަނދު ދުއްވަން އިންނަ މީހާ މޯބައިލް ފޯނު ފަދަ އެއްވެސް މުއާސަލާތީ ވަސީލަތެއް ބޭނުން ކުރަމުން ނުވަތަ ފޯނު އަތުން ހިފައިގެން ދުއްވުމަކީ މަނާ ކަމެކެވެ. އަދި ހެޑްސެޓު ބޭނުން ކުރުމުގެ އިތުރުން އެހެން މީހެއްގެ އެހީތެރިކަމާއެކުގައި ފޯނުން ވާހަކަ ދެއްކުންވެސް ވަނީ މި ގަވާއިދުން މަނާކޮށްފައެވެ.

މީގެ އިތުރުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަކުރެވިފައިވާ އުޅަނދުތައް ފިޔަވައި ދެން ދުއްވާ އުޅަނދުތަކުގައި ހަރުކޮށްފައި ހުންނަން ވާނީ އެ އުޅަނދު އުފެއްދިއިރު ހަރުކޮށްފައި ހުންނަ ބަރުގޮނު ކަމަށާއި އެހެން ވައްތަރުތަކުގެ ބަރުގޮނު ހަރުކޮށް ނުވަތަ ބަރުގޮނު މޮޑިފައި ކުރުމަކީ މަނާ ކަމެކެވެ.

ގަވާއިދުގައި އިތުރަށް ބުނެފައިވަނީ ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ އެ އުޅަނދެއް ދުއްވި މީހާގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި ދިހަ އަހަރާއި 25 އަހަރު ދުވަހަށް ލައިސަންސް ހިފެހެއްޓުމުގެ ބާރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިބިގެންވާ ކަމަށެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވާއިދު ގެޒެޓުގައި ޝާއިއު ކޮށްފައިވަނީ އޮކްޓޫބަރު 11 ވަނަ ދުވަހުއެވެ.