މި ދުވަސްވަރަކީ ދިރާސީ އަހަރުގެ ޗުއްޓީ ދުވަސްވަރުކަމުން ގިނަ މީހުން އެއްވެ ހިންގާ ހަރަކާތްތައް މަޑު ޖައްސާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ މި ދުވަސްވަރަކީ ސްކޫލު ޗުއްޓީ ދުވަސްވަރު ކަމުން މި ދުވަސްވަރު ރާއްޖޭން ބޭރަށާއި އަތޮޅުތެރެއަށް ދަތުރު ފަތުރު ކުރުމާއި ގޭގެއަށް ޒިޔާރަތްތައް ކުރުން އިތުރުވުމާއި ހިތާނީ ހަފުލާ ފަދަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރު ވެގެން ދާނެ ކަމަށެވެ. އެހެންކަމުން ކޮވިޑުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

  • ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރިނަމަ ކޮވިޑަށް ޓެސްޓުކޮށް، ނަތީޖާ ނުލިބެނީސް ދަތުރުނުކުރުން އަދި ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވުން
  • ދަތުރުކުރުމުގެ ކުރިން ދާ ގައުމުގެ ކޮވިޑް ހާލަތާއި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަހުލުވެރިވުން
  • ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ ގައުމުތަކަށް ދަތުރުކުރުން ފަސްކުރުން
  • ދަތުރުކުރުމުގެ ކުރިން ވެކްސިން ޖަހާ އުމުރުގެ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުން އަދި ބޫސްޓާ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާނަމަ ދަތުރުކުރުމުގެ ކުރިން ބޫސްޓާ ޑޯޒް ފުރިހަމަ ކުރުން
  • ގިނަ މީހުން އެއްވާ ތަންތަނަށް ދިއުން މަދު ކުރުން
  • ސިއްހީ ފަރުވާދޭ މަރުކަޒަކަށް ދާނަމަ ނުވަތަ ގިނަ މީހުން އުޅޭ ތަންތަނާއި ބަންދު ތަންތަނުގައި ރަނގަޅަށް މާސްކް އަޅައިގެން އުޅުމަށް ހާއްސަ ސަމާލުކަމެއް ދިނުން
  • ދަތުރުކުރާ ގައުމުގައި މާސްކު އެޅުންފަދަ ކަންކަން ލުއިކޮށްފައި ވީނަމަވެސް ސަލާމަތާއި ރައްކާތެރިކަމަށް ބޭރަށް ނުކުންނައިރު އަދި އެހެން މީހުންނާ ބައްދަލުވާއިރު މާސްކް އަޅައިގެން އުޅުން
  • ދަތުރުމަތީގައި އުޅޭއިރުވެސް ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ އަވަހަށް ޓެސްޓް ކުރުމާއި އެކަހެރިވެ އުޅުން
  • ރާއްޖެ އަނބުރާ އައުމަށްފަހު ވެކްސިން ފުރިހަމަނުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގޮތުގެ މަތިން ކަރަންޓީނު ވުން
  • ވެކްސިން ޖަހާފައިވާ ފަރާތްތަކުން ރާއްޖެ އަންނަތާ 3-5 ދުވަހުގެ ތެރޭގައި ޕީސީއާރް ޓެސްޓް ހެދުން
  • ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރިނަމަ ދަތުރުނުކުރުން އަދި ވީހާވެސް އަވަހަށް ޓެސްޓް ކުރުން އަދި ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވުން
  • ދަތުރުކުރުމަށް ފަހުވެސް ޕޮޒިޓިވް ކޭހެއްގެ ކޮންޓެކްޓަކަށް ވެއްޖެނަމަ އެކަން ހުރި ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް ވީހާވެސް އަވަހަށް އެންގުން
  • ބޭރުގައި އުޅޭއިރު އާއި ގޭގެއަށް ޒިޔާރަތްކުރާއިރު މާސްކް އަޅައި، ގައި ދުރުކަން ބެހެއްޓުން
  • ކޮވިޑްގެ އަލާމާތެއް ފެނިއްޖެނަމަ ޓެސްޓް ކުރުން
  • ވެކްސިން ޖަހާ އުމުރުގެ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުން އަދި ބޫސްޓާ ޖަހަން ހުޅުވާލާފައިވާ ކެޓަގަރީ ތަކުގައި ހިމެނޭ ފަރާތެއް ނަމަ ދަތުރުކުރުމުގެ ކުރިން ބޫސްޓާ ޑޯޒް ފުރިހަމަ ކުރުން
  • ގިނަ މީހުން އެއްވާ ތަންތަނަށް ދިއުން މަދު ކުރުން
  • ގިނަ މީހުން އެއްވާ ފަދަ ހަރަކާތްތައް، ހާއްސަކޮށް އެކި ރަށްރަށުން މީހުން އަންނަ ފަދަ ކަންކަން ކުރުން ވީހާވެސް މަދުކުރުން ނުވަތަ މިވަގުތަށް ފަސްކުރުން
  • މިފަދަ ހަރަކާތެއް ބާއްވާނަމަ ވީހާވެސް ހާމަ ތަނެއްގައި ބޭއްވުން
  • ޕާޓީތަކާއި ހަފުލާތަކާއި ހިތާނީތައް ބޭއްވުމުގައި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ބޭއްވުން
  • ވަދެ ނުކުންނަ ސަރަހައްދާއި ތަނުގެ ތެރޭގައި ސެނިޓައިޒާ ބަހައްޓާފައި ހުރުން
  • ހައި ރިސްކް ފަރާތްތައް މިފަދަ ތަންތަނަށް ދިއުން މަދު ކުރުން
  • ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި ނަމަ ނުދިއުން، އަދި ޓެސްޓްކޮށް ނަތީޖާ ނެގެޓިވް ނަމަވެސް އަލާމާތްތައް ރަނގަޅުވަންދެން ނުގޮސް މަޑުކުރުން