ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ދިރާގުން ވަނީ، އެކަމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީ އާއި ނޭޝަނަލް ސެންޓާ ފޯ ހޮލީ ގުރުއާނާއެކު ސޮއިކޮށްފައެވެ.

ދިރާގުން ބުނީ، ފާއިތުވި އަހަރުތަކުވެސް ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ކުރިއަށްގެންދިއުމަށް ދިރާގުން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.

މިއަހަރުގެ މުބާރާތުގައި 12 ކެޓަގަރީއަކުން 1،700 ދަރިވަރުން ވާދަކުރާނެއެވެ. އޭގެ ތެރޭގައި އަތޮޅު ކައުންސިލްތަކާއި ސްކޫލުތަކާއި ގުރުއާން ކުލާސްތަކާއި ކޮލެޖު/ޔުނިވަސިޓީތަކާއި ކްލަބް އެސޯސިއޭޝަންތަކާއި ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިން ހިމެނެއެވެ.

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ބޭނުމަކީ ގައުމީ ފެންވަރުގައި އެކި އުމުރުފުރާގެ ދަރިވަރުން ބައިވެރިވެ ގުރުއާން ކިޔެވުމުގެ ހުނަރު ކުރިއަރުވައި ދަސްކޮށް އެ ފުރުސަތު ގިނަ ބަޔަކަށް ހޯދައިދިނުމެވެ.