ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވިޔަފާރީގެ މައި ހަބު, ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލްމަކްތޫމް ވަރިކުރެއްވި އަނބިކަނބަލުން ޕްރިންސެސް ހަޔާ ބިންތުލްހުސެއިން އަށް 734 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އިނގިރޭސި ވިލާތުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
އުރުދުންގެ ކުރީގެ ރަސްގެފާނު ކިންގް ހުސެއިންގެ ދަރިކަނބަލެއް ކަމަށްވާ ހަޔާ އާއި ޝައިހް މުހައްމަދު ބިން ރާޝިދު ކައިވެނި ބައްލަވައިގަތީ 2004 ވަނަ އަހަރުއެވެ. އެ ދެބޭފުޅުންގެ 15 އަހަރުވީ ކައިވެނި ނިމުމަކަށް ގެންނަވައި މުހައްމަދު ބިން ރާޝިދު ހަޔާ ވަރި ކުރެއްވީ 2019 ވަނަ އަހަރުއެވެ. އެއީ އެކަމަނާގެ ހަށިފާރަވެރިޔަކަށް ހުންނެވި އިނގިރޭސި ވިލާތުގެ ރުސެލް ފްލާވާސްއާ ދެމެދު އޮތް ލޯބީގެ ގުޅުން ފަޅާއެރުމުންނެވެ.
އެއަށްފަހު ހަޔާ ވަނީ މުހައްމަދު ބިން ރާޝިދުގެ ފަރާތްޕުޅުން އޭނާއަށް ލިބިވަޑައިގެންފައިވާ އުމުރުން 14 އަހަރުގެ ޖަލީލާ އާއި އުމުރުން ނުވަ އަހަރުގެ ޒާޔިދު ގޮވައިގެން އިނގިރޭސި ވިލާތަށް ބަދަލުވެވަޑައިގެންފައެވެ.
ވަރިކުރެއްވުމުގެ ބަދަލު ހޯއްދަވަން ލަންޑަނުގެ ކޯޓަކަށް ހަޔާ ހުށަހެޅުއްވުމުން މުހައްމަދުގެ ބިން ރާޝިދުގެ މައްޗަށް އިއްޔެ ކުރި ހުކުމުގައި ހަޔާ އަށް ތިން މަސް ދުވަހުގެ ތެރޭގައި 251 މިލިއަން ޕައުންޑް ދެއްކުމަށާއި ދަރީންގެ ކިޔެވުމުގެ ކަންކަމަށް ތިން މިލިއަން ޕައުންޑް ދޭން ވަނީ ހުކުމްކޮށްފައެވެ.
އޭގެ އިތުރުން ހަޔާގެ ގަހަނާތަކަށް 13.6 މިލިއަން ޕައުންޑާއި, ހެދުމަށާއި ކާރު ގަތުމަށް އެއް މިލިއަން ޕައުންޑް އަދި ރޭސްޖަހާ އަސްތަކެއް ގަތުމަށް ފަސް މިލިއަން ޕައުންޑް ދޭންވެސް ހުކުމްކޮށްފައިވެއެވެ.
އަދިވެސް އެކި ހަރަދުތަކާއެކު ހަޔާއަށް އެކު ޖުމުލަ 734 މިލިއަން ޑޮލަރު ދޭން ހުކުމްކުރި އިރު, މުހައްމަދު ބިން ރާޝިދުގެ ތަރުޖަމާނަކު ވިދާޅުވެފައިވާ ގޮތުން, އެ ހުކުމާ އެއްގޮތަށް ބަދަލުދޭން މުހައްމަދު އިއުތިރާޒެއް ނުކުރައްވައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ