Close
ޚަބަރު

ރަސްމީ އިއްޒަތުގައި އުމަރު ޒާހިރު ފަސްދާނުލައިފި

އަލީ ޔާމިން

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފިއެވެ.

އުމަރު ޒާހިރު ފަސްދާނުލާފައިވަނީ، ގަލޮޅު ސަރަހާރަގައެވެ. އެމަނިކުފާނުގެ ކަށުނަމާދު ކުރިއަށްގެންގޮސްފައިވަނީ މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

އުމަރު ޒާހިރުގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން މަޖިލީހުގެ ބައެއް މެންބަރުންނާއި ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އުމަރު ޒާހިރު އަވަހާރަވީ، ކޮވިޑުގެ އާލާސްކަންފުޅަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު، އުމުރުފުޅަކީ 85 އަހަރެވެ.

ދިވެހި ގައުމަށް 50 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި، އުމަރު ޒާހިރަށް ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިކަމުގެ ލަގަބު ލިބިވަޑައިގެންނެވީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދިހަ ވަނަ ދުވަހުއެވެ.

އުމަރު ޒާހިރު ވަނީ ރައީސް މައުމޫން ވެރިކަމުގައި ގިނަ މިނިސްޓްރީތަކެއް ހިންގަވައިފައެވެ. އެގޮތުން އުމަރު ޒާހިރު ވަނީ ހޯމް މިނިސްޓަރުކަމާއި ކުޅިވަރާ ބެހޭ ވަޒީރުކަމާއި ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރުކަންވެސް ކުރައްވައިފައެވެ.