ނިޝާން އިއްޒުންދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރަކީ އެތައް ހިދުމަތްތަކެއް ކޮށްދެއްވި ގައުމީ ލެޖެންޑެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އުމަރު ޒާހިރު އަވަހާރަވީ ކޮވިޑަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. އެމަނިކުފާނު އަވަހާރަވިއިރު އުމުރުފުޅުން 85 އަހަރަވެ.
އުމަރު ޒާހިރު އަވަހާރަވުމުން، ރައީސް މައުމޫން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އުމަރު ޒާހިރު އަވަހާރަވުމަކީ ރާއްޖެއަށް ލިބުނު އިޔާދަނުކުރެވޭނެ ގެއްލުމެއް ކަމަށާއި އެމަނިކުފާނުގެ އަގުނުކުރެވޭނެ ހިދުމަތްތައް އެކި ރޮނގުރޮނގުން ފާއިތުވި 50 އަހަރު ރާއްޖެއަށް ލިބިލައްވާފައިވާ ކަމަށެވެ.
"ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، އުމަރު ޒާހިރު އަވަހާރަވުމަކީ ގައުމަށް ލިބިގެންދިޔަ އިޔާދަނުކުރެވޭނެ ގެއްލުމެއް. އުމަރު ޒާހިރަކީ ގައުމީ ލެޖެންޑެއް،" މައުމޫން ވިދާޅުވިއެވެ.
އުމަރު ޒާހިރުގެ ކަށުނަމާދު އޮތީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ. އެމަނިކުފާނު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ގަލޮޅު ސަހަރާގައެވެ.
ދިވެހި ގައުމަށް 50 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި، އުމަރު ޒާހިރަށް ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިކަމުގެ ލަގަބު ލިބިވަޑައިގެންނެވީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދިހަ ވަނަ ދުވަހުއެވެ.
އުމަރު ޒާހިރު ވަނީ ރައީސް މައުމޫން ވެރިކަމުގައި ގިނަ މިނިސްޓްރީތަކެއް ހިންގަވައިފައެވެ. އެގޮތުން އުމަރު ޒާހިރު ވަނީ ހޯމް މިނިސްޓަރުކަމާއި ކުޅިވަރާ ބެހޭ ވަޒީރުކަމާއި ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރުކަންވެސް ކުރައްވައިފައެވެ.