Close
ޚަބަރު

އުމަރު ޒާހިރު ވަސިއްޔަތްކުރެއްވީ އާންމުން ވަޅުލާ ސަހަރާއެއްގައި ވަޅުލުމަށް

އަލީ ޔާމިން

ދައުލަތުގެ އިއްޒަތްތެރިން އަވަހާރަވުމުން ފަސްދާނުލާ ގަލޮޅު ސަހަރާގެ ބަދަލުގައި އާންމުން ވަޅުލާ ތަނެއްގައި ވަޅުލަން އުމަރު ޒާހިރު ވަސިއްޔަތް ކުރައްވާފައިވާ ކަމަށް، އެމަނިކުފާނުގެ ގާތް އެކުވެރިޔާ އަބްދުލްހަމީދު އަލީ ވިދާޅުވެއްޖެއެވެ.

ހަމީދު "ވަން" އަށް މިއަދު ވިދާޅުވީ، އެ ވަސިއްޔަތަކީ އުމަރު ޒާހިރު ވަރަށް ކުރިން ކުރައްވާފައިވާ ވަސިއްޔަތެއް ކަމަށާއި އެކަން އެމަނިކުފާނުގެ އާއިލާއަށްވެސް ދަންނަވާފައިވާނެ ކަމަށެވެ.

"އުމަރު ޒާހިރު އެދިވަޑައިގެންނެވީ އެމަނިކުފާނު އާންމުން ވަޅުލާ ތަނެއްގައި ވަޅުލައިދެއްވާށޭ،" އުމަރު ޒާހިރާއެކު 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަޒީފާ އަދާކުރައްވާފައިވާ ހަމީދު ވިދާޅުވިއެވެ.

މާލޭގައި މަރުވާ މީހުން އާންމުކޮށް ވަޅުލަމުން ގެންދަނީ އާސަހަރާގައެވެ. ކޮވިޑުގެ ކުރިން ބައެއް މީހުން ހުޅުމާލެ ސަހަރާގައިވެސް ވަޅުލިއެވެ. ނަމަވެސް ހުޅުމާލެ ސަހަރާ މިހާރު ހާއްސަކޮށްފައިވަނީ ކޮވިޑާ ގުޅިގެން މަރުވާ މީހުން ވަޅުލުމަށެވެ. އުމަރު ޒާހިރުގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދު އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އުމަރު ޒާހިރު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސަހާރަގައެވެ.

އުމުރުފުޅުން 85 އަހަރުފުޅުގައި އުމަރު ޒާހިރު މިއަދު އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގައި، ކޮވިޑްގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ދިވެހި ގައުމަށް 50 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި، އުމަރު ޒާހިރަށް ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިކަމުގެ ލަގަބު ލިބިވަޑައިގެންނެވީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދިހަ ވަނަ ދުވަހުއެވެ.

އުމަރު ޒާހިރު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގިނަ މިނިސްޓްރީތަކެއް ހިންގަވައިފައެވެ. އެގޮތުން އުމަރު ޒާހިރު ވަނީ ހޯމް މިނިސްޓަރުކަމާއި ކުޅިވަރާ ބެހޭ ވަޒީރުކަމާއި ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރުކަންވެސް ކުރައްވައިފައެވެ.