މަނީލޯންޑާ ކުރުމުގެ ކުށުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރުމާ ގުޅިގެން ރައީސް ޔާމީން ސަލާމަތްވީ ވައްކަން ނުކޮށްގެން ނޫން ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރިޔާޒު ވިދާޅުވީ، ވެރިކަމުގައި ހުންނަވައިގެން ރައީސް ޔާމީން ފައިސާގެ ނަފާ ހޯއްދަވާފައިވާކަން ސުޕްރީމް ކޯޓުގެ ހުކުމުންވެސް އެނގޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު ވިޔަފާރި ކުރުމަކީ ސީދާ ގާނޫނުއަސާސީން ވެސް މަނާކޮށްފައި އޮންނަ ކަމެއް ކަަމަށާއި ނަމަވެސް ރައީސް ޔާމީން ވިޔަފާރިއަށް ފައިސާ އިންވެސްޓުކުރި ކަން ހުކުމުން ދޭހަވާ ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓުގައި ހުރީ އެމަނިކުފާނުގެ ފައިސާ ނޫންކަން ވެސް ސުޕްރީމް ކޯޓުގެ ހުކުމުން ސާފުވާ ކަމަށާއި މަނީލޯންޑާ ކުރުމުގެ މައްސަލައިން ރައީސް ޔާމީން ސަލާމަތްވީ ޓެކްނިކަލިޓީއަކުން ކަމަށެވެ. އެއީ ތަހުގީގީ އިދާރާތަކުގެ މައްސަލައަކުން ކަމަށާއި، ޕްރޮސިކިއުޝަންގައި އެ މައްސަލަ އެންމެ ރަނގަޅަށް ޕްރޮސިކިއުޝަން ނުކުރެވުމުގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ.