ގައުމީ ބިލިއާޑް ޓީމަށް އަންނަ އަހަރުން ފެށިގެން ދާއިމީ ކޯޗެއް ހަމަޖެހިގެންދާނެ ކަމަށާއި ގައުމީ އަންހެން ބިލިއާޑް ކުޅުންތެރިންނަށް ވެސް މުސާރަ ދިނުމުގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
ބައެއް ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ސަރުކާރުން އަންނަނީ މުސާރަ ދެމުންނެވެ. އެގޮތުން ގައުމީ ފިރިހެން ބިލިއާޑް ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ވެސް އަންނަނީ މުސާރަ ލިބެމުންނެވެ. ގައުމީ ބިލިއާޑް ޓީމުގެ ހަތަރު ކުޅުންތެރިޔަކަށް ސަރުކާރުން މަހަކު 5،000 ރުފިޔާ ދެއެވެ.
ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ރޭ ބޭއްވި ގައުމީ ބިލިއާޑް މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ މި ސަރުކާރުން ފެށުނީއްސުރެ ދެ ޖިންސުގެ ފަރަގު ނައްތާލުމަށް މަސައްކަތްކުރާ ކަމަށާއި އެގޮތުން ކުޅިވަރުގައި ހުރި ފަރަގު ނައްތައިލެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެކަން ކުރިން. އަންހެން، ފިރިހެން ތަފާތު ނައްތާލައިދީފިން. މުސާރައިގެ ތަފާތު ނައްތާލައިދީފިން. ކުޅިވަރުގައި ގެންގުޅުނު ތަފާތު ވެސް ނައްތާލަދީފިން. އަންހެން ބޭފުޅުން ވެސް ވަރަށް އެފޯޓު ލާފައި، މި ކުޅިވަރުގެ ތެރޭގައި އެބަ އުޅުއްވާ. އެ އަދަދު އިތުރުވަމުން މިދަނީ. ސްޕޯޓްސް ކައުންސިލުން މިހާރު އެ ނިންމަވަނީ އަންހެން ނެޝަނަލް ޓީމުގެ ޕްލޭޔަރުންނަށް ވެސް މުސާރައިގެ ކަންތައްތައް. އިރާދަކުރެއްވިއްޔާ އެކަން ވެސް އަޅުގަނޑުމެން ވަރަށް އަވަހަށް ހަމަޖައްސައިދޭނަން،" މިނިސްޓަރު ވިދާޅުވިއެވެ.
މަހުލޫފު ވިދާޅުވީ މީގެ ކުރިން ގައުމީ ބިލިއާޑް ޓީމަށް ވަގުތީ ކޯޗެއް ހަމަޖެއްސި ނަމަވެސް، އަންނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ދާއިމީ ކޯޗެއް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި މި ސަރުކާރުން ހަމައެކަނި ކުރިއަރުވަނީ ފުޓުބޯޅަ ނޫން ކަން ވެސް މަހުލޫފު ތަކުރާރުކުރެއްވިއެވެ.
"އަޅުގަނޑުމެން ހަމައެކަނި ކުރިއަރުވަނީ ފުޓުބޯޅައެއް ނޫން. މިތަން (ނޭޝަނަލް ބިލިއާޑް ސެންޓަރު) މިއީ އޭގެ އެއް މިސާލު. މިއޮތް ހުރިހާ ދުވަހު ރާއްޖޭގައި ހޭންޑްބޯލް ކުޅުނު. މިހާރު އެ އޮތީ އެތަން ވެސް ނިމިފައި. މިހާރު އަޅުގަނޑުމެން ޓެންޑާއަށް ފޮނުވާފައި އެހުރީ ގާތްގަނޑަކަށް ފަސް ވަރަކަށް މަލްޓިޕާޕޮސް އިންޑޯ ކޮމްޕްލެކްސް. އެވެސް އަދި ރަށްރަށުގައި. އެތަނުގައި އިރާދަކުރެއްވިއްޔާ އިންޑޯ ހޭންޑްބޯލް ހުންނާނެ، އިންޑޯ ބާސްކެޓް ހުންނާނެ. އިންޑޯ ނެޓްބޯލް ހުންނާނެ. އިންޑޯ ވޮލީ ހުންނާނެ،" މަހުލޫފު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތްތައް މިހާރު ވެސް ކުރިއަށްދާ ކަމަށާއި ކުރިއަށް މިއޮތް ދެ އަހަރު ނިމިގެންދާ އިރު، ކުޅިވަރުން ތަފާތު ބޮޑު ބަދަލެއް ފެނިގެންދާނެ ކަމަށެވެ.
ބިލިއާޑް
ބިލިއާޑް
ބިލިއާޑް
ބިލިއާޑް