ބޮޑު ތަފާތަކުން ކްލަބު ވެލެންސިއާ ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އެފްއޭ ޗެރިޓީ ޝީލްޑް އުފުލާލައިފިއެވެ.

މާޒިޔާއިން ކްލަބުގެ ތާރީހުގައި ހަތަރުވަނަ ފަހަރަށް ޗެރިޓީ ޝީލްޑް އުފުލައިލީ ރޭ ގައުމީ ދަނޑުގައި ކުޅުނު މެޗު 5-0 އިން ކާމިޔާބު ކޮށްގެންނެވެ. ރޭގެ ޝީލްޑާއެކު މާޒިޔާއިން ވަނީ އެންމެ ގިނަ ފަހަރު ޝީލްޑް ކާމިޔާބު ކުރި ޓީމުގެ ޝަރަފް ހޯދައިފައެވެ.

މިހާތަނަށް ޝީލްޑް މެޗު 12 ފަހަރު ކުޅުނުއިރު، މާޒިޔާ އިން ހަތަރު ފަހަރު އެ މެޗު ކާމިޔާބުކޮށްފައިވެއެވެ. ދެން އެންމެ ގިނައިން ޝީލްޑް އުފުލައިލި ވީބީ އައްޑޫ އެފްސީން ވަނީ ތިން ފަހަރު ޝީލްޑް ހޯދައިފައެވެ.

އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ އިން ވަނީ ރޭގެ މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި މި ފަހަރު އަލަށް އެ ޓީމާ ގުޅުނު ޒުވާން ފުލްބެކް، ހައިޝަމް ހަސަން (ބިޑި) އާއި ނޭޕާލްގެ ކީޕަރު ކިރަން ކުމާރް ޝެމްޝޮން ހިމަނައިފަ އެވެ. އެކަމަކު، މިދިޔަ ސީޒަނުގައި ވެލެންސިއާ އަށް ކުޅުނު ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އިނީ މާޒިޔާ ބެންޗުގަ އެވެ.

ވެލެންސިއާގެ ފުރަތަމަ އެގާރަ އަށް ބަލާއިރު، ކެޕްޓަަނަކީ އަލީ ފާސިރު (ސެންޓޭ) އެވެ. މިދިޔަ ސީޒަނުގައި ވެލެންސިއާ ކެޕްޓަނަކީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އެ ޓީމުން ވަނީ އަލަށް ގުޅުނު ކުޅުންތެރިންގެ ތެރެއިން މާޒިޔާ އަށް ކުރިން ކުޅުނު އަމްދާން އަލީ (އެންޑީ) ދަ ގްރާންޑޭ އަށް ކުޅުނު އަހުމަދު ސިޒާން، އީގަލްސް އަށް ކުޅުނު އަސްހަދު އަލީ (އަޑޭ)ގެ އިތުރުން ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ސްރީ ލަންކާގެ ޑަކްސަން ޕުސްލަސް އާއި މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް ވެސް ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ.

މެޗުގެ ކުރީކޮޅުގައި އިބްރާހިމް އައިސަމް ޖެހި ގޯލަކާއެކު މާޒިޔާއިން ލީޑު ނެގިއެވެ. އަދި އެ ގޯލަށް މާ ގިނައިރެއް ނުވެ، މެޗުގެ 15 ވަނަ މިނިޓްގައި މާޒިޔާއިން ދެވަނަ ގޯލެއް ޖެހިއެވެ. މާޒިޔާގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ހުސްކޮށްލާފައި ދިން ބޯޅަ ގޯލަށް ވައްދާލީ އިބްރާހީމް ވަހީދު (އިއްބެ) އެވެ.

ރަނގަޅު ފެށުމަކުން މެޗު ފެށި މާޒިޔާއިން ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިން ވަނަ ގޯލެއް ޖެހިއެވެ. އެ ގޯލަކީ ވެލެންސިއާ ގޯލުގައި ހުރި ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް ހެދި ގޯހެއްގެ ފައިދާ ނަަގައި ކޯނެލިއަސް ޖެހި ގޯލެކެވެ.

ދެ ވަނަ ހާފް ފަށައިގެން ފުރަތަމަ 15 މިނިޓް ތެރޭ މާޒިޔާ އިން އިތުރު ދެ ގޯލު ޖެހި އެވެ. ކޯނޭ އަށް ސިޒާން ކުރި ފައުލަކަށް ދިން ޕެނަލްޓީން ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ މާޒިޔާގެ ހަތަރު ވަނަ ގޯލު ޖަހައިފައެވެ. އަދި އޭގެ ފަހުން ހަމްޕު ހުސްކޮށްލާފައި ދިން ބޯޅައަކުން ހުސެއިން ނިހާން (ނިހާޓް) ވަނީ މާޒިޔާގެ ފަސް ވަނަ ގޯލު ޖަހައިފަ އެވެ.

ޝީލްޑް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާގެ އައިޝަމް އެވެ. ޝީލްޑް މެޗުން ފައިސާގެ އިނާމް ދީފައިވަނީ ޓައިނީ ހާޓްސް އާއި ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް އަށެވެ. ކޮންމެ ޖަމިއްޔާ އަކަށް 50،000 ރުފިޔާ ވަނީ ދީފައެވެ.